މިއީ ކުދިކުދި ބަދަލުތައް ގެނެސްގެން ލިޔެފައިވާ ހަގީގީ ހާދިސާއެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާނީ އަމިއްލަ ނަންތަކެކެވެ.
އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް ޔުމާން އާއި އޭނާގެ އެކުވެރި ޒަހީން ސައިކަލު ބުރު ޖަހަން ދެއެވެ. އެގޮތުން މިރެއަކީ ވެސް އެ ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ހިއްސާކޮށް އެކުގައި ވަގުތު ހޭދަކުރުމަށް ސައިކަލުގައި ބުރުޖަހަމުން ދިޔަ ދުވަހެކެވެ. މިރެޔަކީ ޒަހީންގެ ލޯބިވެރިޔާ އައިނާއާ ސިލްސިލާކޮށް ޖެހެމުން އަންނަ މައްސަލަތަކުގެ އައު ބާބެއް ކުރިމަތިވި ރެއެކެވެ. އެހެންކަމުން އެވާހަކަތައް ދެއްކުމަށް ޒަހީން ބޭނުން ވިއެވެ. ޒަހީންގެ ކޮންމެ ކަމެއް ހިއްސާކުރަނީ އޭނާގެ އެކުވެރި ޔުމާންއާއެވެ. ޔުމާންއަކީ ސަރުކާރު ވަޒީފާއެއް އަދާކުރަމުންް އަންނަ ޒިންމާދާރު މީހެކެވެ. ދިރިއުޅުމުގައި އެތައް ހިތްދަތިކަމަކާ ކުރިމަތިލައި ކުރިމަތިލާން ޖެހުނު ކޮންމެ ހަނގުރާމައަކާ ކެރިގެން ކުރިމަތިލަމުން އައި ހިތްވަރުގަދަ މީހެކެވެ. ދުނިޔެވީ ދިރިއުޅުމުގައި ތަޖުރިބާ ގިނަ މީހެކެވެ. ކަންކަމުގައި ލަފާ ދެވޭވަރުގެ ޤާބިލުކަން ހުރި މީހެކެވެ. އެހެންކަމުން ޒަހީން އަބަދު ވެސް ޔުމާންގެ އެހީތެރިކަން ހޯދައެވެ.
ޔުމާންގެ ވާހަކަ ދައްކަން ތިއްބައި ދެ މީހުންނަށް މާލޭގެ ބޭރު މަގުގައި ހުންނަ އޮކްސިޖަން ރެސްޓޯރަންޓާ އަރައި ހަމަވިއެވެ. ސައިކަލު ޕާކް ކުރުމަށްފަހު ދެ މީހުން ރެސްޓޯރަންޓަށް ވަދެ މޭޒެއްގެ ކައިރީގައި އިށީނެވެ. އަދި ކާ އެއްޗަކަށް އޯޑަރު ދިނުމަށްފަހު ޔުމާން ޒަހީންއާ ސުވާލު ކުރަން ފެށިއެވެ.
ކިޔައިދީބަލަ އައިނާގެ ވާހަކަ… ރޭގައި އަހަރެން ދިޔައިރު ރޯންހުރީ ކީއްވެ؟
ބްރޯ… ކީކޭ ބުނާނީ… މިކަމެއް ނެތް ވާކަށް.. އައިނާއަށް އަހަރެން ކޮށްނުދެނީ ކޮންކަމެއް.. ހޯދައި ނުދެނީ ކޯޗެއް؟ އެކަމަކު އައިނާ އުޅެނީ އުޅޭނެ ގޮތަކަށް.. އެއްކަލަ އިޝާންއާ އަދިވެސް އައިނާ ވާހަކަ ދައްކަނީ…..ރޭގައި ފަޅާއެރީ ދެމީހުން ހުޅުމާލެއަށް ދިޔަކަން… އެކަމަކު އެހީމައި އެއްބަހެއް ނުވިޔޭ….. އެހީމަވެސް ހެދީ ދޮގު.. އެކަމަކު އައިނާ ބެސްޓް ފްރައިންޑް ހުރިހާ ވާހަކައެއް ކިޔައިދިން… ޒަހީން ކިޔައިދޭން ފެށިއެވެ.
އައިނާ މާލެއައީތަ؟ ކޮންއިރަކު މާލެއައީ؟ ޔުމާން ހައިރާންވެ ސުވާލު ކުރިއެވެ.
މީގެ ދެ ހަފްތާ ކުރިން އައިނާ މާލެ އައެއްނު.. އޭނަ ދޮންތަ ވެޑިންއަށް… މިހާރު ހުރީ ރަށުގައި.. އޭރުު އައިސް ހުރިއިރު އިޝާންއާ އެއްކޮށް ދިޔައީ ހުޅުމާލެއަށް….
ދެން އައިނާ ބެސްޓް ފްރައިންޑް އެވާހަކަ އެހާ ލަހުން ބުނީ ކީއްވެގެންނޯ؟ ޔުުމާން ސުވާލު ކުރިއެވެ.
އޭނާ ވެސް މަށާ އައިނާއާ އެކުގައި އުޅޭކަށް އެހައި ބޭނުމެއް ނުވޭ..އެހެންވެ އަހަރެން ދެރަވާނެތީ ނުބުނީއޭ ބުނީ.. އޭނާ ވަރަށް ގިނައިން ކިޔާނެ އައިނާގެ ގޯސް ވާހަކަ.. އަހަރެން އޭނާ ދައްކާވަހަކަ ވެސް ޤަބޫލު ކުރަން.. ވަރަށް ނަސޭޙަތް ދޭނެ.. ބްރޯ ތިދޭހެން އޭނާ ވެސް ވަރަށް ނަސޭހަތް ދޭނެ.. އެކަމަކު ދެން ކިހިނެތް ހަދާނީ…. ޒަހީން ބޮލުގައި ވަކި ދަމަމުން ކިޔައިދެމުން ދިޔައެވެ.
އެވަގުތު އޯޑަރު ކުރި ކާއެއްޗެހި ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. ވަގުތުން ދެމީހުން ކާން ފަށައިފިއެވެ. ދެމީހުން އައިނާގެ ވާހަކަ ދައްކަމުން ގޮސް ކެއުން ނިންމާލިއެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ޔުމާންއަށް ޖެހެނީ ޒަހީންގެ ޝަކުވާއާއި ރުއިމާއި ގިސްލުމުގެ އަޑު އަހާށެވެ. އައިނާއަކީ ޒަހީންގެ ރަށު ކުއްޖެކެވެ. އުޅުމުގައި އެހައި ރަނގަޅު މިޒާޖެއްގެ އަންހެން ކުއްޖެއް ނޫނެވެ. ޒަހީންއާ ރައްޓެހިވެގެން ހުރެ އެހެން ފިރިހެން ކުދިންނާ ލޯބީގެ ގުޅުން ބާއްވަމުންދާ އަންހެން ކުއްޖެކެވެ. އައިނާގެ އުމުރުން އެންމެ 16 އަހަރެވެ. ޒަހީންއަކީ 22 އަހަރުގެ ޒުވާނެކެވެ. ނަމަވެސް ދެމީހުންގެ މެދުގައި ޖެހޭ ހުރިހާ މައްސަލައެއްގެ މެދުގައި ހުންނަންޖެހެނީ ޔުމާން އަށެވެ.
ކައި ނިމިގެން އަނެއްކާ ވެސް އެ ދެމީހުން ނުކުތީ ބޭރުމަގުގައި ސައިކަލު ބުރު ޖެހުމަށެވެ. ސައިކަލު ނައްޓާލީންސުރެ ޒަހީން އައިނާގެ ވާހަކަ ހުއްޓައިނުލައެވެ. އައިނާއަކީ ޒަހީންގެ ދުނިޔެއެވެ. އެކަމަކު ޔުމާންގެ ނަަޒަރުގައި އައިނާއަކީ ޒަހީން ކަހަލަ ކުއްޖަކާ އެކަށީގެންވާ ކުއްޖެއް ނޫނެވެ. ޒަހީން އެއަށްވުރެ ހިތްހެޔޮވެފައި މީހުންނަށް އޯގާތެރިއެވެ. މިޒާޖުގައި މަޑުމައިތިރިކަން ހުރެފައި ބަސްބުނުމުގައި ސާދާކަން ހުރެއެވެ. ނަމަވެސް އައިނާއަކީ އެއްވެސް ގޮތެއްފޮތެއް ނެތް ކުއްޖެއެވެ. ޔުމާން އައިނާއާ ޒަހީން ދުރުކުރުމަށް ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ޒަހީން އެކަން ހުއްޓާ ގޮތަކަށް ނެތެވެ. އޭނާ ބޭނުންވަނީ ކޮންމެ ހާލެއްގައި ވެސް އައިނާއާ އެކުގައި އުޅޭށެވެ. އެކަމަކު މިހާރު ވެސް އެ ހިފަހައްޓައިލެވެނީ ޔުމާން އާއި އައިނާގެ ބެސްޓްފްރައިންޑް ހުރިކަމުންނެވެ.
ޒަހީން.. ދެން ތި އައިނާ ވާހަކަ ނޫން އެހެން ވާހަކައެއް ދައްކަމާ ދޯ!! އައިނާގެ ވާހަކަ ދައްކާވަރު ގިނަކަމުން ޔުމާން މަޖާވެލާފައި ބުނެލިއެވެ.
އެވަގުތު ޒަހީންގެ ފޯނު ރިންގް ވާން ފެށިއެވެ. ޒަހީން މަގުގެ އެއްކައިރިއަށް ސައިކަލު މަޑުކޮށްލުމަށްފަހު ފޯނަށް ޖަވާބު ދިނެވެ. އެވަގުތު ޒަހީން ރޯން ފެށިއެވެ. އަދި އައިނާގެ ނަން ކިޔަމުން ވާހަކަ ދައްކަން ފެށިއެވެ.
އައިނާ ޕްލީޒް… ތިހެން ނުބުނޭ… އައިނާ ޕްލީޒް…. އަހަރެންގެެ އޮތީ ކޮން ކުށެއް؟ އައިނާ ވާހަކަ ދައްކަބަ… ޒަހީން ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.
ޔުމާން ސައިކަލުން ފޭބިއެވެ. އައި ޒަހީންގެ ކޮނޑުގައި ހިފައި އޭނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އެވަގުތު ޒަހީން ފޯނު ކަންފަތާ ދުރުކޮށްލިއެވެ. އައިނާ ފޯނު ކަނޑާލީމައެވެ. ޒަހީން އަވަސް އަވަސްކޮށް އައިނާއަށް ގުޅަން މަަސައްކަތް ކުރިއެވެ. ނަމަވެސް ގުޅާއިރަށް އައިނާ ފޯނު ކަނޑާލައެވެ. އޭރު ވެސް ޒަހީން ދިޔައީ ގިސްލައި ރޮމުންނެވެ. ޔުމާން ހުރީ ލަދުންނެވެ. ނަސަންދުރަ ކައިރި ބޭރުމަގުގައި ޒަހީން ރޯން އިނީމައި މަގުން ދާހާ މީހަކު ބަލަނީ ޒަހީނަށެވެ. އެހެންކަމުން ޔުމާން ބަލާކަށް ނުހުރެ ޒަހީން ސައިކަލުގެ ފަހަތަށް ޖައްސާފައި ޔުމާން ދުއްވަން އެރިއެވެ. އަދި ޒަހީންއާ ވާހަކަ ދައްކަމުން ޔުމާން ދުއްވާފައި ދިޔައީ މާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަޙައްދަށެވެ. ގޮސް އެތަނުގެ ހިލަތަކުގެ މަތީގައި ޒަހީން ބޭންދުމަށްފަހު ސުވާލު ކުރަން ފެށިއެވެ. އެވަގުތު ޒަހީންގެ ރުއިމުގެ އަޑު ފަޅައިގެން ދިޔައެވެ.
އައިނާ މަށާ ބްރޭކްއަޕްވެއްޖެ… މަ ދެން މިތާ އުޅޭކަށް ބޭނުމެއް ނެތް… އައިނާ ބުނީ ބޭނުންވަނީ އިޝާންއާ އެއްކޮށް ރިލޭޝަންއަކަށް ދާށޯ…. ޒަހީން ރޮމުން ކިޔައިދިނެވެ.
ޒަހީންއަށް ވާހަކަ ދެެއްކެނީ ކިރިޔާއެވެ. ގިސްލެވޭވަރުން އަޑު ވެސް ބޭރުވަނީ ކިރިޔާއެވެ. ޔުމާން ހާސްވެގެން ގޮތެއް ފެނޭތޯ ވިސްނަން ފެށިއެވެ. އެއީ ޒަހީންގެ ހާލެވެ. އައިނާއާ ގުޅުނުފަހުން ޒަހީންއަށް އެނޫން ދުވަހެއް ނާދެއެވެ. ޒަހީންއާ ޔުމާންގެ ރަޙުމަތްތެރިކަމަށް އޭރުވީ ދެ އަހަރެވެ. އައިނާއާ ޒަހީން ގުޅިގެން އުޅޭތާ ތިން އަހަރެވެ. އެހެންކަމުން ޔުމާންއަށް އެކަން ވާނީ ފަރިތަ ކަމަކަށް ތާއެވެ. ނަމަވެސް ދުވަހަކު ވެސް ދެމީހުން ބްރޭކަޕް ވެފައެއް ނެތެވެ. ޖެހެނީ މައްސަލައެވެ. މައްސަލަ ހައްލު ކުރުމަށް ޚިޔާލު ދެނީ ޔުމާންއެވެ. ކޮންމެ ފަހަރަކު ވެސް މައްސަަލަ ވަގުތީ ގޮތުން ހައްލުވެއެވެ. ހަތްފާއެއްހާ ދުވަހު ރަނގަޅަށް ވާހަކަ ދައްކާފައި އަނެއްކާ ވެސް އެ ދެމީހުން އޮންނަނީ މައްސަލައެއް ޖެހިފައެވެ. މިކަންކަމާހެދި ޔުމާންގެ ފިކުރު ވަރަށް ބޮޑު ވިއެވެ. ޒަހީންއަކީ އެއްވެސް އާއިލީ ގުޅުމެއް ނެތް މީހަކަސް ޔުމާން ދެކެނީ ޒަހީންއަކީ އޭނާގެ ކޮއްކޮއެއް ކަމަށެވެ. އެހެންކަމުން ޒަހީން ހަމައަކަށް އަޅުވަން ޔުމާން މަސައްކަތް ކުރަމުން ދިޔައެވެ. އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން ވެސް ހައްލުވާ ގޮތެއް ނުވިއެވެ. އައިނާ ފޯނަކަށް ޖަވާބެއް ނުދެއެވެ. ތަކުރާރުކޮށް 35 ވަރަކަށް ފަހަރު ގުޅައިފިއެވެ. ހަމަ ބިޒީއެވެ. ފަހުން އެރީ ވެއިޓިންއެވެ. އެކަމަކާ ހެދި ޒަހީންގެ ރުއިމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޔުމާންގެ ސިކުނޑިއަށް ވެރިވަމުންދާ ކަންބޮޑުވުމާއި ހާސްކަމަށް ވެސް ކުޑަ ނަމަވެސް ލުޔެއް ނުލިބެއެވެ. އިރުގަނޑަކު ޔުމާން ވިސްނަން ހުއްޓެވެ.
ކޮބާ އައިނާގެ ބެސްޓްފްރައިންޑް.. އޭނާއަށް ގުޅާބަ…. ވިސްނަންހުރެފައި ޔުމާން ބުންޏެވެ.
އޭނާ ވެސް ނުނަގާނެ މިގަޑީގައި ގުޅީމައެއް… ޒަހީން އުންމީދު ގެއްލިފައި އިނދެ ބުންޏެވެ.
ތިޔޭ އެއްކަލަ.. މާ އަވަހަށް ތިޔަ އުންމީދު ކަނޑާލަނީ.. އަހަރެން ބުނީމައި ގުޅާބަލަ ދެން ވެސް.. ޔުމާން ވާހަކަ ދެއްކިއެވެ.
އެވަގުތު ޒަހީން އެ އަންހެން ކުއްޖާއަށް ގުޅިއެވެ. އަދި ފޯންގެ ސްޕީކަރު އޮން ކޮށްލިއެވެ. އެ ކުއްޖާ ފޯނު ނެގިއެވެ.
ހަލޯ.. ޒައްޓެ.. ކިހިނެތް ހަދައިގެންނޭ ތިއުޅެނީ. އައިނާ އެބައިން ކޯލުގައި.. އެކަމަކު ކޮންފަރެންސްއެއް ނުހަދަން އިނގޭ… އައިނާ ގުޅައިގެން އިންދާ ތި ގުޅީ… އެބަގުޅަން އިނގޭ އައިނާ ފޯން ނިންމާލާފައި…ހަމަ ޖެހިގެން ހުންނާތި. ނުރޯތި.. އެ ކުއްޖާ ވަރަށް ހަމަޖެހިލާފައި ވާހަކަ ދެއްކިއެވެ.
ޒަހީން ކުޑަކޮށް ހަމަޖެހިލިއެވެ. އޭގެ އިރުކޮޅެއްގެ ފަހުން އެ ކުއްޖާ ގުޅައިފިއެވެ. ޒަހީން ވާހަކަ ދައްކަން ފެށިއެވެ. ޔުމާން ހުރީ ތަންކޮޅެއް ދުރުގައެވެ. އިރުގަނޑަކު ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. އެވަގުތު ޒަހީން އިނީ ކޮންމެ ވެސް ވަރަކަށް ހަމަޖެހިފައެވެ. އެކަމަކު ޒަހީންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އެހެންވެ އެ ފޯނުކޯލުން ދެއްކީ ކޮން ވާހަކައެއްތޯ ސުވާލު ކުރިއެވެ.
އައިނާ މަށާ އެކުގައި އުޅެން ބޭނުން ނުވާ ވާހަކަޔާއި އޭނާ އިޝާންއާ އެކުގައި ކުރިއަށް ދާން ބޭނުންވާ ވާހަކަ ދެއްކިޔޯ… އައިނާ މަތިން ހަނދާން ނައްތާލާށޭ ކީ.. އެހެން ރާނި އަބަދުވެސް ކިޔާނީ.. އަހަރެން އައިނާއާ ނުލައި ނޫޅެވޭނޭ ބުނީމައި ރާނި ބުނި އަދިވެސް ވާހަކަ ދައްކައިގެން ގޮތެއް ވޭތޯ ބަލާނަމޯ… ޒަހީން ކިޔައިދިނެވެ.
ރާނިއޭ؟ އެހެންތަ އެކުއްޖާއަށް ކިޔަނީ…؟
އާނ… ހައްވާ ރާނިޔާ… ހުރިހާ އެންމެން ވެސް ކިޔާނީ ރާނި…. އެއީ އައިނާގެ ބެސްޓްފްރައިންޑް…. ޒަހީން ކިޔައިދިނެވެ.
ރާނިޔާގެ ފުރަތަމަ އަޑުން ވެސް ޔުމާންގެ ހިތުގެ ހިމަނާރުތަކާ ކުޅެލައިފިއެވެ. އެ އަޑުގައި ހުރި ޖާދޫގެ ސަަބަބުން ޔުމާންގެ ހިތް ކަތިލައިފިއެވެ. ޔުމާންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަދި އެއްފަހަރު ޔުމާން ރާނިގެ އަޑުއެހުމަށް ޝައުޤުވެރި ވެއްޖެއެވެ. އެ އަޑުގެވެރިޔާ ދުށުމަށް ދަހިވެތި ވިއެވެ. ޔުމާން ފުން ނޭވާއެއް ލިއެވެ. އަދި އޭނާގެ ސިކުނޑިއަށް ވިސްނައިދޭން މަސައްކަތް ފެށިއެވެ. ނަމަވެސް ސިކުނޑިއަށް ވިސްނައިދިން ނަމަވެސް ހިތް އެދެނީ ރާނިގެ އަޑު އެހުމަށެވެ. އެ އިންސާނާ ދުށުމަށެވެ. ނަމަވެސް ޔުމާންއަށް އެކަން ނުވާނެ އެތައް ހާސް ސަބަބުތަކެއް އެބަ އޮތެވެ. އެހެންކަމުން ހިތާ ދެކޮޅަށް އަނެއްކާ ވެސް ކުރާނެ އިތުރު ހަނގުރާމައެއް ޔުމާންގެ ހަޔާތަށް ކުރިމަތިވިއެވެ. އެއީ އެފަދަ ކަމެއް ޔުމާންގެ ހަޔާތަށް ކުރިމަތިވި ފުރަތަމަ ފަހަރެވެ.
ޒަހީން…. ރާނި އެބުނީއެއްނު ރާނި ހެލްޕްވާނަމޭ…. އެހެންވީމައި އެކަމާ އެހައިބޮޑަށް ނުވިސްނާ…ދެން މާދަން އެކަމާ ވާހަކަ ދައްކަން މިރޭ ދާން ހިނގާ.. މިހާރު 12 ޖަހަން ކައިރިވަނީ… ދޮންތަމެން ދޮރުތަޅުލަފާނެ.. އަވަހަށް ދާން ހިނގާ… ޔުމާން ޒަހީންއަށް ވިންނައިދިނެވެ.
އެވަގުތު ޔުމާން ސައިކަލަށް އަރައިގެން ޒަހީންއާއެކު ގެޔާ ދިމާއަށް ދުއްވާލިއެވެ. ޒަހީން އުޅޭގެ ހުންނަނީ ޔުމާން އުޅޭ ގެޔާ އެއް މަގެއްގައެވެ. އެހެންކަމުން ޔުމާން އުޅޭ ގެޔާ ހަަމައަށް އާދެވުމުން ޔުމާން ސައިކަލުން ފޭބިއެވެ. އެވަގުތު ޒަހީން ސައިކަލު ދުއްވާފައި ގެއާއި ދިމައަށް ދިޔައެވެ.
ޔުމާން ގެއަށް ވަދެ ފެންވަރައިލައިގެން ނިދަން އޮށޯތެވެ. ޔުމާންއަށް ނިދަން އުޅެއުޅެ ނިދޭގޮތެއް ނުވިއެވެ. ރާނިގެ އަޑު ޔުމާންގެ ކަންފަތަށް އިވޭ ކަހަލައެވެ. ކަންފަތާއި ބޮލުތެރެއިން އެ އަޑު ފިލައިގެން ނުދެއެވެ. ޔުމާން ހަމަ ރަނގަޅަށް ވެސް ރާނި ދެކެ ލޯބި ވެއްޖެއެެވެ. ރާނިގެ އަޑު އަހަން ޔުމާން ކެތް މަދުވިއެވެ. ވާހަކަ ދައްކަން ބޭނުން ވިއެވެ. އެކަމަކު ޔުމާންއަށް އެއީ ކާކުކަމެއް ކިހިނެތް ހުންނަ ކުއްޖެއްކަމެއް ވެސް ނޭނގެއެވެ. ނަމަވެސް އެ އަޑުގައި ހުރި ސާފުކަމާއި ތެދުވެރިކަމާއި ވިސްނުންތެރިކަން ޔުމާންއަށް އިހުސާސް ކުރެވެމުން ދިޔައެވެ. އެއީ ހަމަ ގައިމުވެސް ރާނިއަކީ ޔުމާން ބޭނުންވާ ކަހަލަ ސިފަތަކުގެ ވެރި ކުއްޖެއްކަން ޔުމާން ގަބޫލު ކޮށްފިއެވެ. ރާނިގެ ވާހަކަ ދެއްކުމުގައި ހުރި އޯގާތެރިކަމެއްގެ ސަބަބުން ޔުމާން މުޅިން ދީވާނާ ކޮށްލައިފިއެވެ.
ދެ ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!
![]()









