ކޮންމެ އިންސާނަކީވެސް ލޯބި ބޭނުންވާނެ މީހެކެވެ. ފިރުމުން ބޭނުންވާނެ މީހެކެވެ. އަދި އަޅައިލާ އޯގާތެރިކަން ބޭނުންވާނެ މީހެކެވެ. އެހެނީ އެއްވެސް އިންސާނަކީ ގަދަފަދަވެ ލޯތްބާނުލައި އުޅެވޭނެ މީހެއް ނޫނެވެ. މިގޮތުން އަޅުގަނޑުމެންގެ ތެރެއިން އަނބިންނަކީ އިންތިހާއަށް ލޯބި ބޭނުންވާ ބައެކެވެ. އެހެންކަމުން މި އާޓިކަލްގައި މި ބަލައިލަނީ އަނބިންނަށް އޯގާތެރިވުމާއި ލޯބީގައި އަނބިން އިސްވާ ސަބަބުތަކުގެ މައްޗަށެވެ. އަދި ކާމިޔާބު ދިރިއުޅުމަކަށް ބޭނުންވާނެ ޝަރުތުތަކުގެ މައްޗަށެވެ.
ކާމިޔާބު ދިރިއުޅުމަކީ ކޮބާ؟ މިއީ އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލެއް އެހެން ނޫންތޯއެވެ! މިއަށް ޖަވާބެއް ވެސް ބޭނުންވެއެވެ. އެހެންކަމުން މި ސުވާލަށް ޖަވާބެއް ލިބޭތޯ އުޅެމާ ހިނގާށެވެ. ކާމިޔާބު މީހަކަށްވުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދީނުގައި އަންގަވާފައިވާ ގޮތަށް މީހާގެ އަމަލުތައް ބައްޓަންކުރުމެވެ. މާތް ﷲއަށާއި އެކަލާނގެ ރަސޫލާ ﷺ އަށް ފުރިހަމަ ގޮތުގައި ތަބާވުމެވެ. ކޮންމެ ދުވަހަކު ފަސް ފަހަރު ފަލާޙާއި ކާމިޔާބު ލިބުމަށްއެދޭނަމަ އަވަހަށް އަންނާށޭ އެބަ ގޮވާލައެވެ. ނަމަވެސް އެ އަޑަކަށް އިޖާބަ ދެވެނީ މަދު މީހަކަށެވެ. އެހެންވީމައި ފުރަތަމަ ކާމިޔާބާ ދިމައަށް މިއޮތީ ނުދެވިފައެވެ. އޭގެ ބަދަލުގައި ކާމިޔާބާ ދިމައަށް ދުވެފައި ދާންވީއެވެ. އަދި ދީނުގައި ފުރިހަމައަށް ސާބިތުވުމަށް ގަދައަޅައި މަސައްކަތް ކުރަންވީއެވެ. އޭރުން ކާމިޔާބު ދިރިއުޅުމެއްގެ ފުރަތަމަ ބައި ފުރިހަމަ ވީއެވެ. އެއަށްފަހު ޒަވާޖީ ހަޔާތް އުފާވެރިކުރުމަށް އަންނަނިވި ކަންކަން ކުރާށެވެ. ހާއްސަކޮށް ފިރިން މިކަންކަމާމެދު ސަމާލުވުން މުހިންމެވެ.
އެންމެ ފުރަތަމަ އަނބިންނަކީ ކޮބައިކަން އެނގެން އެބަ ޖެހެއެވެ. ރަނގަޅެވެ. އަނބިންނަކީ ކައިވެނިކޮށްގެން ތިބި އަންހެނުންނަށް ކިޔާ ނަމެކެވެ. ނަމަވެސް އަނބިންނަކީ ކިހިނެތް އުފެދިފައިވާ ބައެއްކަން އެނގެން އެބަޖެހެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لآياتٍ لِقَوْمٍ يَتَفَكَّرُونَ
ތިޔަބައިމީހުންނަށް ޓަކައި ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންނާއި އެކު ދިރިއުޅުން ވޭތުކުރުމަށްޓަކައެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަންކަމުގައި ހެކިތައް ވާކަން ކަށަވަރެވެ.
އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދެވީ އާދަމް ޢަލައިހިއްސަލާމެވެ. އެއަށްފަހު އާދަމް ޢަލައިހިއްސަލާމުގެ ހިތަށް އުފާވެރިކަމާއި ހިތްހަމަ ޖެހުމާއި ލޯބި ލިއްބައިދިނުމުގެ ގޮތުން އާދަމް ޢަލައިހިއްސަލާމުގެ ހިތާދިމާގައި އޮތް ކަށިކޮޅަކުން ހައްވާގެފާނު އުފަން ކުރެއްވިއެވެ. އެއީ ސުވަރުގޭގައި އެކުގައި ދިރިއުޅުން ވޭތު ކުރުމަށެވެ. އަދި މާތް ﷲ އެ ދެކަނބަލުންގެ ހިތުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ދެން ވިސްނަވާށެވެ. އަނބިން ލެއްވީ ފިރިހެނުންގެ ހިތްހަމަ ޖެހުމަށްކަމަށް ވާއިރު ފިރިން އަނބިންނަށް އަނިޔާކޮށް، އަނބިންނާމެދު އިހުމާލު ވަމުން ދަނީ ކީއްވެތޯއެވެ؟ އަނބިންނަކީ ފިރިންގެ ލޯތަކުގެ ފިނިކަމެވެ. ހިތްތަކުގެ ހަމަ ޖެހުމެވެ. އަދި ނަފްސަށް ތާޒާކަން ގެނުވާ ބައެކެވެ. އަނބިމީހާއާއެކު ތިޔަބައިމީހުން ހިތްހަމަޖެހުމުގެ ތެރެއިން ހަމަހިމޭންކަން ލިބިގަތުގެ އުފާ ދެއްވާފައިވާއިރު ވެސް އަނބިންނަކީ އަޅުންތަކެއްގެ ގޮތުގައި ސިފަ ކުރަމުން އަންނަ ފިރިންނެއް ވެސް މަދެއް ނޫނެވެ.
އަނބިންގެ ސިފަޔާއި އަނބިންގެ މިޒާޖަކީ ފިރިންގެ މިޒާޖާއި ސިފަޔާ މުޅިން ތަފާތު އެއްޗެކެވެ. އެކަނބަލުންނާއެކު ދިރިއުޅޭއިރު އެކަނބަލުންނަކީ ކޮންކަހަލަ ބައެއްކަން އެނގުން މުހިންމެވެ. އަނބިންނަކީ އުފެއްދެވުމުގައި ވެސް ޝަކުވާ ގިނަ ބައެކެވެ. ރުންކުރުކަމާއި ރުޅިއިސްކުރުން ގިނަ ބައެކެވެ. ނަމަވެސް އެކަނބަލުންނަށް ލޯތްބާއި ކުލުނު އޮތްނަމަ އެ ރުޅިއާއި ރުންކުރުވުންތައް ބަދަލުވެގެން ދާނީ ހިތަށް ހަމަޖެހުން ގެނުވާ ކަމަކަށެވެ. ވިސްނަވާށެވެ. ބައެއް ކަނބަލުން ތުންފިތްތާލާފައި ޝަކުވާ ކޮށްލީމައި ހަގީގީ ލޯބި އެހިތެއްގައިވާ ފިރިންނަށް އެމަންޒަރު ފެންނާނީ ލޯބިން ފުރިގެންވާ ހާލުގައެވެ. އަނބިންގެ ތެރޭގައި ފިރިންނަށް ނުކިޔަމަންތެރިވާ އަނބިން ވެސް އުޅެއެވެ. އެހެނެއްކަމަކު ފަހަރެއްގައި ވެސް އެކަނބަލުންނަށް އަނިޔާވެރިވާކަށް މާތް ﷲ އަމުރެއް ނުކުރައްވަވައެވެ. އެކަލާނގެ އަމުރު ކުރައްވާފައިވަނީ އެ އަނބިންނަށް ނަސޭހަތްދީ އިސްލާހު ކުރުމަށެވެ. ނުވަތަ ރީތިގޮތުގައި އެކަނބުލޭގެ ދޫކޮށްލުމަށެވެ.
ވިސްނައިލަން ޖެހޭކަމަކީ މިއަދު މި މުޖުތަމަޢުގައި އެންމެންނަކީ ވެސް ވަރަށް ބުރަކޮށް އުޅޭ ބައެކެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ކަމެއް ހަމަނުޖެހިގެން، ވަގުތު ނުވެގެން، ނޫނީ ކަންކަން ހާސިލު ނުވެގެން އުޅޭ މަންޒަރެވެ. ހާއްސަކޮށް ފިރިންނެވެ. ފައިސާއާއި ދިރިއުޅުމުގެ ކަންކަން ހަމަނުޖެހިގެން އުޅޭ ތަނެވެ. އެ ސްޓްރެސްގައި ގެއަށް އަންނަ ވަގުތުގައި އަނބިމީހާގެ ފަރާތުން ކަމެއް ފެންނައިރު ފިރިން ވަރަށް ގިނަފަހަރު އިންތިހާއަށް އެބަ ރުޅި ގަދަވެއެވެ. މިއީ އަނބިން ވެސް ވިސްނައިލަން ޖެހޭ ކަމެކެވެ. އެ ވަގުތުތަކުގައި ދެމީހުންގެ މެދުގައި އަރައިރުމެއް ހިނގައި ބައެއް ފަހަރު ދެމީހުންގެ މެދުގައި ތަޅައިފޮޅައި ވެސް އެބަ ހަދައެވެ. ފިރިމީހާ އަނބިމީހާއަށް އިންތިހާ އަނިޔާ އެބަ ކުރެއެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. ބައެއް ފަހަރު ބައެއް ފިރިން އަނބިން ހިތްދަތި ކުރުމަކީ ވެސް ކުރަމުން އަންނަ ކަމެކެވެ. އެކަނބުލޭގެއަކީ އެއްވެސް އަގެއްހުރި މީހެއް ނޫންކަމަށް ބުނެ، އެއީ ތުރާލެއްކަމަށް ނުވަތަ މުޞީބާތެއްކަމަށް ބުނާ ފިރިން ވެސް އެބަ އުޅެއެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރު އެ ކަނބުލޭގެއާ ދިމާއަށް ނުބައި ހަޑިހުތުރު ބަސްތައް ކިޔައިއުޅޭ ފިރިން ވެސް އެބަ އުޅެއެވެ. ދަންނަވަންތޯއެވެ! އިންސާނަކު އޭނާގެ ދުލުން މީހަކަށް ބަދުބަސްބުނެ ނުބައި ހަޑިހުތުރު ނަންދީފިނަމަ އޭނާގެ ހިތްހަލާލު ހޯދަން ޖެހޭނެއެވެ. އެއީ ހަޑިކަމެއް ނޫނެވެ. އެއީ ދަށްކަމެއް ނޫނެވެ. އެއީ ހެޔޮ އޯގާތެރި ފިރިންގެ ސިފައެކެވެ. އަދި ފިރިހެން ވަންތަ ސިފައެކެވެ.
އަނބިންނަކީ ބަލިކަށި ބައެކެވެ. އަބަދުވެސް މީހެއްގެ ބެލެހެއްޓުމާއި މީހެއްގެ ހިމާޔަތް ދޭންޖެހޭ ބައެކެވެ. ކީރިތި މާތް ނަބިއްޔާ ﷺ އަންހެން ކަނބަލުން ނުވަތަ އަނބިން ސިފަކުރައްވާފައިވަނީ ބިއްލޫރި ތަށިތަކެއްގެ ގޮތުގައެވެ. ކިރިޔާ ތަޅުވާލައިފިނަމަވެސް އެ ތެޅިދާނެކަމަށް ޖެހޭނީ އެއަށް ވަރަށް ލޯބިކޮށް ހިތާށެވެ. މި މިސާލަށް ވިސްނައިލަން ހިނގާށެވެ. މިޒަމާނުގައި އަނބިމީހާގެ މަގާމަށް އެ ކަނބުލޭގެ ގެނައުމުގެ ކުރިން އެކިޔާ އިޝްޤީލޯބީގެ ގޮތުން އެބަ ދެމީހުން ގުޅެއެވެ. ހަރާމް ގުޅުމަކަށްވިޔަސް އޭރު ވެސް މިހާރު ވެސް ކުރާ ކަމަކީ އެޔެވެ. ކޮންމެއަކަސް މިބުނާ ގުޅުމުގެ ތެރެއިން ގިނަ މީހުންގެ ފަރާތުން އަންނަ ބަސްތަކަކީ މިއެވެ. އަބަދު ހަނދާންވަނީ.. ބައްދަލު ކުރާ ހިތްވަނީ.. ނުނިދެނީ… ލޯބިވަނީ.. ދުރުގައި ނުހުރެވެނީ.. ތިޔައީ ހަނދަށްވުރެ ރީތި މޫނެއް.. ޕަރީއެއް.. އޭލިއަންއެއް.. ދެން މިހާ ހިސާބުން ހުއްޓައިލަމާ! މިއީ ބައެއް މީހުން ކައިވެނީގެ ކުރިން ދައްކައިއުޅޭ، ކިޔައިއުޅޭ ވާހަކަ ތަކެކެވެ. އޭރު އެހެންކީ ކީއްވެ ހެއްޔެވެ؟ އެކަނބުލޭގެ ބަލިކަށިކަމާއި ނާޒުކު ކަމާއި ލޯބިކަން އެނގެނީ އޭރުގައި އެކަނި ހެއްޔެވެ؟ ނޫނީ އެކަނބުލޭގެއަށް ލޯބި ބޭނުންވާކަން ވިސްނެނީ ހަމައެކަނި އޭރު ހެއްޔެވެ؟ އެކަމަކު ކައިވެނީގެ ފަހުން މިބުނާ ލޯބި އޮންނަނީ ވަޅުލެވިފައެވެ. ހަނދާންވެގެން މެސެޖެއް ކޮށްލަނީވެސް ހާހަކުން މީހެކެވެ. އެއްކަހަލަ ހިތުގައި ފޮރުވަން ބުނި ލޯބިވެރިޔާ މިއަދު ފިރިންގެ ގެތަކުގައި ތިބެނީ ހިތުގައި ޖެހިފައެވެ. އެކަނބަލުންގެ ހިތްތަކާއި މޫނުތައް ތިބެނީ ހިތާމައިން ކަޅުވެފައެވެ. މޮޅިވެފައެވެ. މިއީ ފިރިން ވިސްނަން ޖެހޭ ކަމެކެވެ.
އަނބިންނަކީ މާތް ﷲ ފިރިންނާ ހަވާލުކުރައްވާފައިވާ ވަރަށްބޮޑު އަމާނާތެކެވެ. އެކަމާމެދު ފިރިންނާ ސުވާލު ވެވޭނެއެވެ. ނަމަވެސް މިއަދު އަނބިންނާމެދު އިހުމާލު ނުވަމޭ ބުނަންކެރޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ މަދު މީހަކަށެވެ. ގިނަ މީހުންނަކީ އަނބިންނަށް ގަސްތުގައި ފާޅުކަންބޮޑު ގޮތެއްގައި އަނިޔާވެރިވާ މީހުންނެވެ. އަތުން އަނިޔާނުކުރާނަމަ ހިތައް އަނިޔާކުރެއެވެ. އޭރުން އެކަނބަލުންނަށް އެދެވުނީ އިންތިހާބޮޑު އަނިޔާއެކެވެ. ދެން އެކަނބަލުން ހިތްފަޅައިގެން ދަންދެން ހިތާމަކުރެއެވެ. މި ހިސާބަށް ލިޔުނުތަނާ ކުއްލިއަކަށް ހަނދާނަށް އައީ އަލްމަރުޙޫމާ އާމިނަތު ފާއިޒާ (ޑޭޒީމާ) ހައްދަވާފައިވާ އަސަރުގަދަ ޅެމެއްގެ ތަންކޮޅެކެވެ.
ހިތަށް އަނިޔާކުރާ ދުނިޔޭން، މިތަންވަޅު ވަކިވުމޭ އެދެނީ
ނިތަށް ރޫތައް އަރައިފައިވެސް ހިތައް މަރުވުން މޮޅޭ މިވަނީ
ހިތާމަތަކުން ހިތައް މިލިބޭ، ސަލާމަތްކަން ނޭތީތޯއޭ
މިތާ މިގޮތައް ފަނާވެދިއުން އެއިން ގޮތަކުން ނުވޭތޯއޭ
މިއީ އެކަނިވެރި ކަނބަލެއްގެ އިހުސާސެވެ. ނަމަވެސް ފިރިން މިކަމާމެދު ވިސްނަނީ ކިހާވަރަކަށް ބާވައެވެ. އަނބިންނަކީ އަބަދު ވެސް ލޯތްބަށް އުންމީދު ކުރާ ބައެކެވެ. އެކަނބަލުން ބުނެއެވެ. އަހަރެން އިންނަން ބޭނުންވަނީ ވަރަށް ލޯބިން އުޅޭ ފިރިޔަކާއެވެ. ވަރަށް ކެއާކުރާ މީހަކާއެވެ. ވަރަށް ރޮމޭންޓިކް މީހަކާއެކެވެ. ޝާރުކްޚާން ކަހަލަ ރޮމޭންޓިކް މީހަކާއެވެ. ނަމަވެސް އެކަނބަލުންގެ ޒަވާޖީ ހަޔާތައް އަންނަ ފިރިމީހާ އެކަނބުލޭގެ އުންމީދު ކުރިގޮތް ބަދަލު ކޮށްލަނީ އޭގެ އިދިކޮޅަށެވެ. ބައެއް ކަނބަލުން ސިފަކުރި ޝާރުކްޚާން ވަނީ ހެޓިލަރު ކަހަލަ މީހަކަށެވެ. ނަމަވެސް ބައެއް ފިރިންނެވެ.
އަނބިންގެ އިހުސާސްތައް ދަސްކުރާށެވެ. އެކަނބުލޭގެ ދިރިއުޅުމަށް ހާނުވާށެވެ. ބުނެދޭށެވެ. ލޯބިން ކަންކަން ކުރުވާށެވެ. އަދި ހަނދާންކުރާށެވެ. ތިމަރައެއްގައި ކިޔަންމެ ބާރަށް ދަތްއަޅައިގެން ނުވަތަ އަތުން ހިފައިގެން ގަދަކަމުން ބިންދައިލަން އުޅުނަސް އެކަމެއް ނުވާނެއެވެ. ނަމަވެސް ލޯތްބާއެކު އެ ހޫނުކޮށްލައިފިނަމަ އެއީ ފެން ކަހަލަ އެއްޗެކެވެ. ދިޔާއެއްޗެކެވެ. އެހައި ފަސޭހައިން ގިނަ އަނބިން ލައްވައި ބަދަލުތަކަށް ހޭނުވޭނެއެވެ. ނަމަވެސް ހުރިހާ އަނބިން ޓަސްލާފައި ބަދަލުވުން އެއީ ނާދިރު ކަމެކެވެ. ނަމަވެސް އެފަދަ އަނބިންނަށް އަނިޔާ ނުކުރާށެވެ. ފިރުމާށެވެ. އޭރުން ފަހަރުގައި ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
( ނުނިމޭ )