އަހަރެންގެ އަޚާ – އަހަރެންގެ އަސާ

ތިބާއަކީ އަހަރެން ހަޔާތަށް ބޯމަތިވި ގަދަ ތޫފާނުގެ އަނދިރި ކަމުގެ ތެރެއަށް ވިދުވަރެެއް ފަދައިން އައިސް އަލިކޮށްލައިދިން ބައްތިއެވެ. ތިބާއީ އަހަރެެންނަށް ނުހިނގި، ވެއްޓިފައިވީ ދުވަހު އަތުގައި ހިފައި ނަގައިދިނުމަށްފަހު، އެ އެއްޗެއްގެ އެހީގައި އަހަރެން ކޮޅަށް ބަހައްޓައިދެމުން ދިޔަ އަސައެވެ. ދިރިއުޅުމުގެ ކޮންމެ ހިތާމައެއްގައި އެންމެ ގާތުގައި ހުރެދީ އަހަރެންގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކެއް ފުހެދެމުން ދިޔަ ސާފު ރުމާކޮޅެވެ. މީސްތަކުންގެ ތެރޭގައި އަހަރެން ބާކީވެ ދުނިޔެއަށް ގިނަވެފައިވަނިކޮށް، އަހަރެން ގޮވައިގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅައިދެމުން، އަހަރެންނަށް ހިތްވަރު ދެމުން ވަކިނުވެހުރި އަހަރެންގެ ގައިގެ އެއްބައެވެ. އަހަރެން އެންމެ އަތްމަތި ދަތިވެ، މާޔޫސްވެ ގޮތް ހުސްވި ދުވަހު، އަހަރެންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދީ ހިތަށް ފިނިކަމާއި ދިރުުން ގެނެސްދީ ހުރިހާ ގޮތަކުން އަހަރެންނަށް އެހީތެރިވެދިން މަދަދުގާރެވެ. ތިޔައީ ހުރިހާ އެކުވެރިން އަހަރެންނާ ވަކިވެފައިވީ ދުވަހު ހެޔޮ އެކުވެރިޔަކަށް އެދިއެދި ހުއްޓައި މާތް ﷲ އަހަރެންނަށް ލެއްވި ރަޙުމަތެކެވެ. ތިޔައީ އިންސާނަކަށް އަހަރެން އެންމެ އިތުބާރުކުރާ އިންސާނާއެވެ. ތިޔައީ އަހަރެންގެ އަސްލާއި ނަސްލު އެންމެ ރަނގަޅަށް އެނގޭ އިންސާނާއެވެ. ކުޑަކުޑަ ވާހަކައެއް ވެސް ނޭނގި ފޮރުވިފައި ނުވާ ހަމައެކަނި އިންސާނާއެވެ.

އަހަރެންގެ ހަޔާތުގެ އެންމެ ޅަ ދުވަހުގައި ނުވަަތަ ކުޑައިރުގެ ދުވަސްތަކުގައި އެންމެ ގާތުގައި ތިބި އެކުވެރީން އަހަރެން ދޫކޮށް ފިލިއެވެ. އެހިސާބުން ހަޔާތުގެ ވާހަކަތައް ހިއްސާކުރާނެ މީހަކު ނެތި އެކަނިމާއެކަނި އަމިއްލަ ނަފްޞާ ވާހަކަދައްކަމުން އައިމެވެ. އަޑުއަހާނެ އެހެން މީހަކު ނެތެވެ. ނަމަވެސް އެ ހިތާމަތަކަށް ނިމުން ގެނެސްދިނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެންނަކީ ސަމާސާ ވާހަކަތަކާއި ހިނިތުންވުމަށް ނުހަނު ލޯބިކުރާ މީހެކެވެ. ނަމަވެސް ހިނިތުންވުމެއް އުފާވުމެއްނެތި ދިހަަ އަހަރު ވޭތިކުރީމެވެ. އޭގެ ސަބަބުން ހިނިތުންވުން ދަތިކަމަކަށްވެ، ވާހަކަދެއްކުން ތަކުލީފަކަށް ވިއެވެ. އޭރު ވެސް ކުރަމުންދިޔައީ މި މަސައްކަތެވެ. އެއީ ލިޔުމެވެ. ބަންޑުން އޮވެ ކަރުދާސްތަކެއްގައި ލިޔެލިޔެ ގޮސް އަތުން ވަރުދޫވެ އެ ކަރުދާސްތަކުގެ މަތީގައި އަހަރެންނަށް ނިދުނު އެތައް އަހަރެއް ދިޔައެވެ. ނަމަވެސް އެ މަންޒަރު ފެނުނު މީހަކު އަޑުއިވުނު މީހަކު ނެތެވެ. އަހަރެންގެ އެކުވެރިޔާ ފިޔަވައެވެ. ފަހަރެއްގައި އޭރުގެ ލިޔުންތައް ފެނުން ދެތިން މީހަކު އުޅެދާނެއެވެ. އަހަރެންގެ ފޮތްތައް ބައެއް މީހުން ހޮވި ވާހަކަ ވެސް އަޑުއެހީމުއެވެ. އެ ލިޔުންތައް ފޮރުވާފައި ހުރި ބައެއް ފޮތްތައް މަންމައަށް ނޭނގިގެން އުކާލެވުނެވެ. އެ ހިސާބުން ލިޔުންތައް ގެއްލުނެވެ. އަދި ލިޔުންތެރިކަމުގެ ހުނަރުތައް ވެސް ގެއްލިގެން ދިޔައެވެ. އަނެއްކާ ވެސް މަޑުމަޑުން ލިޔަން ފެށީމެވެ. ނަމަވެސް ލިޔުންތައް ރައްކާކުރެވޭ ގޮތެއް ނެތެވެ. އެހެންކަމުން ޒަމާނަށް އައި ބަދަލާއެކު އަހަރެންގެ ލިޔުންތައް ޑިޖިޓަލް ލިޔުންތަކެއްގެ ގޮތަށް ބަދަލު ކުރަން ބޭނުން ވެފައި ހުރީމެވެ. އެ އެކުވެރިޔާ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނެވެ. އެއީ މި ވެބްސައިޓެވެ. މި ވެބްސައިޓަކީ އެ އެކުވެރިޔާ އަޅައިދެމުން ދިޔަ ހާސް ބިންގާތަކުގެ ތެރެއިން އެއް ބިންގަލެވެ. އެއްވެސް ފަރުވާލެއްނެތި އަހަރެންނަށް ވާނެތޯ ނުވާނެތޯ ސުވާލެއް ވެސް ކޮށްނުލައި އަހަރެންނަށް މި ސައިޓް ފަށައިގަތުމަށް ބޭނުންވާ ހުރިހާ ޚަރަދެއް އެ އެކުވެރިޔާ ކުރިއެެވެ. މި ސައިޓަކީ އެ އެކުވެރިޔާގެ ހިތުގައި އަހަރެންނަށް ޓަކައި ކުލުނާއި ރަޙުމު އޮތްކަމުގެ ސާފު ހެއްކެކެވެ. އެހެންނޫން ނަމަ މި ސައިޓް ވުޖޫދުގައި ނެތީހެވެ. މި ސައިޓުގައި އެ އެކުވެރިޔާގެ ވާހަކަ ނުލިޔެ ދެން ލިޔާނީ ވަކި ކާކުގެ ވާހަަކައެއް ހެއްޔެވެ؟

އަހަރެންގެ އެކުވެރިޔާއެވެ. މިއަދު އަހަރެންގެ ދިރިއުޅުން މިވަނީ ތިބާއާ ވަރަށް ދުރުގައި އުޅެން ޖެހިފައެވެ. ވަޒީފާގެ ގޮތުންނާއި ދިރިއުޅުން އުޅެންޖެހިފައިވާ ގޮތުންނެވެ. އެ ހަނދާން އައު ކޮށްލާނަމެވެ. އަހަރެން ފުރަންޖެހޭ ވަގުތު އައިސް ޖެހުނެވެ. އެދުވަހުގެ ކުރީ ދުވަހާއި އެރޭ ވެސް ތިބާއާއެކު ހެޔޮ ދެ ރަޙުމަތްތެރިން ހޭދަކުރާހެން ވާހަކަތައް ހިއްސާކޮށް އެކުގައި ގިނަ ވަގުތު އުޅުނީމުއެވެ. ފުރަން އައިސް އަހަރެން ތިބާއާ ސަލާމް ކުރީމެވެ. އެއަށްފަހު ފަސް އެނބުރި ނުބަލައި އަހަރެން އެރީ ލޯންޗަށެވެ. ލޯންޗަށް އެރީ ހިތް ފެޅިގެންނެވެ. ކުރިން އެކުވެރިއެއް ބޭނުމެއް ނެތޭ ވެސް ބުނަމުން އައިމެވެ. އެކަމަކު އެކުވެރިއެއްގެ އެހީތެރިކަމާއި އެކުވެރިއެއްގެ މުހިންމުކަން އަހަރެންނަށް ދަސްކޮށްދިނީ ތިބާއެވެ. އެދުވަހުން ފެށިގެން އެކުވެރިން ވަޒަންކުރަން އަހަރެންނަށް ދަސްވިއެވެ. ފަސްވަރަަކަށް ގަޑިއިރު ދަތުރުގައި ހޭދަވިއެވެ. ލޮލުން އޮހޮރެމުން އައި ކަރުނަޔަކަށް ބަދަލެއް ނައެވެ. ދެ ހިތާމަ ކައިރިކައިރިން އައިސް އަހަރެން ވަށައިލާފައިވިއެވެ. އެންމެ ލޯބިވާ ވަޒީފާއާ ދުރަށް ދިއުއެވެ. އެންމެ ގާތް އެކުވެރިޔާ ވަކިން އެހެން ތަނެއްގައި އުޅެން ޖެހުމެވެ. އިރަކަށްވުރެ އިރެއް ދެމީހުން އެކުގައި އުޅެފައިވާ އެކުވެރި މަޖާ ހަނދާންތައް ލޯމަތިން ސިފަވަމުން ދިޔައެވެ. ދައްކާފައިވާ މަޖާ ވާހަކަތަކާއި ޖެހިހާ ސައިކަލު ބުރެއްގެ މަތިން ހަނދާންވާން ފެށިއެވެ. ދިގު ދަތުރަކަށްފަހު މަންޒިލަށް އާދެވުމުން އަހަރެން ސަލާމަތުން އާދެވުންކަން އެކުވެރިޔާއަށް އެންގީމެވެ. އެއީ އޭރު ވެސް މިހާރު ވެސް ކޮންމެ ކަމެއް ހިއްސާ ކުރަމުން އަންނަ ބީދައިންނެވެ. އޭގެފަހުން ދުވަސްތަކެއް ވަންދެން ފޫހިކަމާއި އެކަނިވެރިކަމާއި ނުތަނަވަސްކަން އިހުސާސް ކުރަން ޖެހުނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އަހަރެން ދިއައީ މަސައްކަތްތަކާއި ވަޒީފާގެ ކަންކަމުގައި ބިޒީވަމުންނެވެ. ލިޔާނެ ވަގުތު މަދުވެ، ގުޅާނެ އެކަށީގެންވާ ވަގުތު ނުލިބި މަސައްކަތް ކުރަންޖެހޭ ވަގުތު އިތުރުވަމުންނެވެ. އަހަރަކަށްފަހު އަހަރެއް ފާއިތުވަމުންދަނީ ބިޒީކަން އިތުރު ކުރަމުންނެވެ. މަޑުމަޑުން އަހަރެންގެ ހަށިގަނޑު ބަލިވަމުން ވެސް އަންނަން ފެށިއެވެ. ހަނދާން ބަލިވުމާއި، ވަރުބަލިވުމާއި ލޯބޯކޮށިވެ މުސްކުޅިވުމުގެ ޢަލާމާތްތައް ވެސް ފެންނަން ފެށިއެވެ. މިއަދު އެ އެކުވެރިޔާ ވެސް އިންތިހާ ބިޒީއެވެ. އެ އެކުވެރިޔާއަކީ ކުންފުންޏެއްގައި އެތައް ސަތޭކަ މުވައްޒަފުން ގޮވައިގެން އުޅެންޖެހިފައިވާ ފަރާތެެކެވެ. އެއީ އެމީހުންގެ ކަންކަން ވެސް ބަލަހައްޓަމުން ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ސަމާލުކަން ދީގެން ކުރަމުން އަންނަ ހިތްވަރުގަދަ ފަހުލަވާނެކެވެ. 

މިއަދު ދެމީހުންގެ މެދުގައި ﷲ ށް ޓަކައި އޮތް ހެޔޮ ގުޅުމަށް ބަދަލު ނަޔަސް ވަގުތާއި މަަސައްކަތް ދެމީހުން ގުޅައި، ހާލުބަލައިލައި، ވާހަކަ ދައްކައިލަން އޮތް ހުރަހަކަށް ވާން ފަށައިފިއެވެ. އެހެންކަމުން އެކަން ނިމުމަކަށް ގެންނަން މަސައްކަތް ފަށައިފީމެވެ. އެއީ އަހަރެންގެ ހަޔާތުން ވަކިވާން ނޭދޭ ހަމައެކަނި މިތުރެވެ. އެއީ އަހަރެންގެ ދެދުނިޔޭގެ އެކުވެރިޔާއެވެ. އިން ޝާ ﷲ ސުވަރުގޭގައި ވެސް އަހަރެންގެ އެކުވެރިޔާއެވެ. ހަޔާތުގައި ދިމާވާ ކޮންމެ ހުރަސްތަކެއް ގިރާކުރުމަށް އޭނާ އަހަރެންގެ ފާލަމަކަށް ވިއެވެ. އޭނާއަހަރެންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނެވެ. ވާރެޔާއި އަވިން ސަލާމާތްކޮށްެދޭ ކުޑައަކަށް ވިއެވެ. އެކަމަކު އަހަރެންނަށް ކޮށްދެވުނީ ކޮންކަމެއްބާއޭ ހިތަށް އަރައެވެ! އަތުގައި މާ ބައިވަރު އެއްޗެއްނެތް މީހަކަށް ކޮށްދެވޭނީ ކޮންކަމެއްބާއޭ ހިތަށް އަރައެވެ! ނަމަވެސް ބަދަލުގައި އޭނާ އެއްވެސް އެއްޗެއް ބޭނުމެއް ނުވެއެވެ. އެފަދަ އެކުވެރިޔަކު ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ކުށެއްވެފައިވާ ނަމަ މަޢާފަށް އެދެމެވެ.

އަހަރެންގެ ދުޢާއަކީ އަހަރުމެންގެ އެކުވެރިކަމުގެ ހެޔޮ ގުޅުން އަބަދުގެ އަބަދަށް އެއްވެސް މިންވަރަކަށް ހީނަރުނުވެ ދެމި އޮތުމެވެ. މިހާރަށްވުރެ އެކުވެރިކަން ބަދަހިވެ ދެމީހުންނަށް ހެޔޮ ރަޙުމަތާއި ބަރަކާތް އިތުރުވުމެވެ. ތިބާގެ ހަޔާތުގައި ބަރަކާތް ލައްވައި ތިބާގެ ފުދުންތެރިކަން އިތުރު ކުރައްވައި ތިބާއަށް ހެޔޮލަފާ ޞާލިޙް ތަޤުވާވެރި އަނތްބަކު ދެއްވައި ތިބާގެ ފުށުން ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާވެގެން ދިއުމެވެ. ތިބާގެ އާއިލާއާއި ތިބާއަށް މާތް ﷲ ރައްކާތެރިކަމާއި އަމާންކަން ދެއްވާށި…. އާމީން

ތިބާއަށް އެންމެ ހެޔޮ އެދޭ އެކުވެރިޔާ

 

Loading

ގުޅޭ ލިޔުންތައް