މިއީ ހިނގާފައިވާ ހަގީގީ ބިރުވެރި ހާދިސާއެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ރަށްރަށާއި ނަމަކީ އަސްލެއް ނޫނެވެ.
ފަރީނާއަށް ހާސްކަމާއިއެކު ކުއްލިއަކަށް ހޭލެވުނީ ކޮންމެވެސް މީހަކު ފަރީނާގެ ބޮލުގައި އަތްލައިގެން ހުރިހެން ހީވެގެންނެވެ. ފަރިނާ ދެލޯބޮޑުކޮށްލާފައި ބަލާލިއިރު ފަރީނާގެ ފިރިމީހާގެ ބައްޕަ ހާރޫނު ފަރީނާގެ ނިތްކުރީގައި އަތްލައިގެން ކޮންމެވެސް އެއްޗެއް ކިޔަވަން ހުއްޓެވެ. ފަރީނާ މިކަމާ ރޮއިގަތުމުން ” އަހަރެން މިކުރާކަމެއްކޮށް ނިމެންދެން މަޑުން އޮންނާށޭ ” އޭނާ ބުންޏެެވެ.
ހާރޫނާއި އެނާގެ އާއިލާއަކީ ސިހުރު ހާހޫރަ ހެދުމަށް ހުވަދުއަތޮޅުގައި މަޝްހޫރު އާއިލާއެކެވެ. މިގޮތުން އެމީހުންގެ ރަށްކަމުގައިވާ ގެމަނަފުށްޓާއި އެހިސާބުގެ އެކިއެކި ރަށްރަށުގެ މީހުންނަށް ދިމާވާ ޖިންނީގެ އުނދަގޫ ތަކާއި ސިހުރުގެ އުނދަގޫ ތަކުން ސަލާމަތްކޮށްދޭ ބައެއްކަމުގައި ހާރޫނުގެ އާއިލާވަނީ ވެފައެވެ.
ފަރީިނާގެ ފިރިމިހާ ދާއޫދަކީ ވެސް ތަވީދު އަޅައިދިނުމާއި ފެންކިޔަވާދިގެންނާ އަދި ސިހުރު ހަދައިގެން ފައިސާ ހޯދާ މީހެކެވެ. ދާއޫދުގެ ބައްޕަ ހާރޫނަކީ ސިހުރު ހެދުމާއި ޖިންނި ޝައިތާނުންނާއި ވާހަކަ ދައްކައި އެސޮރުމެންގެ ވާގި ހޯދަމުންދާ ނުބައި ނުލަފާ މީހެކެވެ. ހާރޫނު ސިހުވެރިކަމުގެ ތަޖުރިބާތައްކޮށް އިތުރަށް ސިހުރު އުނގެނުމުގެ ގޮތުން އަލަށް ހަދާ ކޮންމެ ސިހުރެއް ޓެސްޓުކޮށް ތަޖުރިބާ ކުރަމުން އަންނަނީ ފަރީނާއަށެވެ. ދުވަހަކަށްވުރެ ދުވަހެއް އެ ސިހުރުތަކުގެ ވޭނުގައި ފަރީނާ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.
ފަތިހުގެ ފިނިކަން މުޅި ދުނިޔެއަށް ވެރިވެގަނތް ވަގުތު، މަޑުމޮޅިކަމާއި ކަންނެތްގޮތަކަށް ފަރިނާ އެނދުން ތެދުވިއެވެ. އޭރު ފަރީނާގެ ބޮލުގައި އާދަޔާ ޚިލާފަށް ރިއްސަމުން ދިޔައެވެ. ބޮލުގަޔާއި މުޅި ހަށިގަނޑުގައި ރިއްސުމުގެ ސަބަބުން ފަރީނާގެ ޒުވާން ދެލޯ ހުޅުވާލުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ބަލާބެލުމަށް ފަރީނާއަކީ އަދިވެސް 25 އަހަރުގެ ޒުވާން އަންހެންކުއްޖެއް ފަދައެވެ. ހުނުމާއި ލަދުވެތިކަމާއި ވާހަކަ ދެއްކުމުގައި ފަރިނާއަކީ މާތް އަޙްލާގެއްގެ ވެރިއެކެވެ. ސާދާ މިޒާޖެއްގެ ދީންވެރި އަންހެނެކެވެ. ނަމަވެސް ސިހުރުގެ ވޭން ތަޚައްމުލުކުރަމުން އައިސް މިހާރު އެފަކީރުގެ ދެފައިގެ ކަކުލުންތިރި ބަރުވެގެން ގޮސް ހީވަނީ ހިލަގަނޑެެއްހެންނެވެ. ގައިގެ އެކި ތަންތަނަށް ތަދުވުމާއި އައްސިވެފައި ހުރުމުން ހިނގައިލާނެ ވަރު ނެތިގެން އެނދުގައި އިށީނދެ އިނެވެ.
އެވަގުތު ފަރީނާ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާ ދާއޫދު ފެނޭތޯ ބަލާލިއެވެ. ކޮޓަރީގެ ހުޅަނގު ފަރާތު ކަނުގައި ހުރި ކުޑަ މޭޒުމަތީގައި ހުންނަ ޓޯޗު ބައްތި ނެތުމުން ދާއޫދުވީ ވަލަށް ގޮސްކަން ފަރީނާއަށް ޔަގީންވިއެވެ. ދާއޫދު ނެތުމުން ހާރޫނު ފަރީނާގެ ގާތަށް ވަދެފާނެކަމުގެ ބިރަށް ފަރީނާ ބަލަބަލަ އިނެވެ. ފަރީނާއަށް އެ ހާރޫނު ކޮންމެފަދަ ގޮތެއް ވެސް ހަދާފާނެއެވެ. ރޭގައި ވެސް ހާރޫނު ހެދިއެތި ފަހަރަކުން ވީގޮތެއް ވެސް ފަރީނާއަކަށް ނޭނގުނެވެ. އެހެންކަމުން މިޔަދު ހަށިގަނޑު ބަލިވަމުން އަންނަ ފަރީނާ ބިރުގަންނަވަރު ބޮޑުކަަމުން ހަށިގަނޑަށް އަރާމުކޮށްލުމުގެ ގޮތުން ވެސް އޮށޯވެލާކަށް ނުކެރުނެވެ.
ފަރީނާއަކީ 3 ކުދިންގެ މަންމައެކެވެ. ކުރިން ކޮށްފައިވާ ކައިވެންޏަކާ ގުޅިގެން އެހެން މީހަށް ލިބިފައިވާ އަންހެން ދަރިޔަކު ހުރެއެވެ. އެއީ ޒާހިދާއެވެ. ޒާހިދާ ވަނީ އޭނާގެ ބައްޕަ ގެންގޮސްފައެވެ. އެހެންކަމުން ފަރީނާގެ ގާތުގައި ތިބީ ދާއޫދުގެ ދެ ކުދިންކަމަށްވާ އަދުހަމްއާއި އަޒްލީފާއެވެ.
ތަފާތު އެކި ފިކުރުތަކުގައި އިނުމަށްފަހު ފަރީނާ ހިތްވަރާއެކު ތެދުވިއެވެ. އޭރު ފަރީނާ ހުރީ ފަތިސް ނަމާދު ވެސް ނުކޮށެވެ. އެހެންކަމުން ފަތިސްނަމާދު ކޮށްލުމުގެ ގޮތުން ގިފިއްޔަށްވަދެ ވުޟޫކޮށްގެން އައިސް ނަމާދުކުރަން ފެށިއެވެ. ފަތިސް ނަމާދުގެ ފަހުރަކުޢަތުގެ ރުކޫއިން ތެދުވި ތަނާ ފަރީނާގެ މޫނު މައްޗަށް އަނދިރިވާ ގޮތްވިއެވެ. ކުއްލިއަކަށް މުޅި މީހާގެ ގައިން އެއްކޮށް ބާރުގޮސް ފަރީނާ ވެއްޓިއްޖެއެވެ.
ފަރީނާއަށް ލޯހުޅުވާލެވުނުއިރު ދާއޫދުގެ އާއިލާ މީހުންނާއި ގެކައިރީގައި ފަރީނާއަށް ހެޔޮއެދޭ ދެތިން އަންހެނަކު ފަރީނާ ވަށައިލާފައި ތިއްބެވެ. އެއްބަޔަކު ފަރީނާގެ މޫނުގައި ފެން އުނގުޅަނީއެވެ. އަނެއްބަޔަކު ފައިތިލައާއި އަތްތިލައަށް ހޫނު ކުރަނީއެެވެ. އަދި އަނެއްބަޔަކު ރޮނީއެވެ. ފަރީނާގެ ދެކުދިން ވެސް މަންމާއޭ ކިޔާ ގޮވަމުންދެއެވެ. ނަމަވެސް ފަރީނާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ފަރީނާގެ ދޫވަނީ ބަންދުވެ ތަޅު އެޅިފައެވެ. ފަރީނާއަށް މީހުންދައްކާ ވާހަކަ އަޑުއިވެއެވެ. އެމީހުން ކުރާ ކަންކަން ވެސް ފެނެއެވެ. ނަމަވެސް ފަރީނާއަކަށް އެއްވެސް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. ފަރީނާ ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. ފަރީނާއަށް އެނގޭ ހުރިހާ ހެޔޮ އެއްޗެއް ހިތުން ކިޔަމުން ދިޔައެވެ. އޭރު ފަރީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔެއެވެ.
ދާއޫދު ވަލުން އައިސް ގޭތެރެއަށް ވަނުމާއެކު ފަރީނާ އޮތް ހާލު ދާއޫދަށް ފެނުނެވެ. ދާއޫދު ބަލަން ނުހުރެ ވަގުތުން ލިޔާ ތަށްޓެއް ގެނެސް އޭގައި ފަންޑިތަ ލިޔަން ފެށިއެވެ. އަދި އެތަށި ފެނުން ދޮވެ އެ ފެންތަށި ފަރީނާއަށް ބޯންދިނެވެ. ނަމަވެސް އެ ފަރުވާއަކުން ފަރީނާގެ ހަށިގަނޑަކަށް އެނގުމެއް ނުވިއެވެ. ވަގުތުން ދާއޫދު ދިޔައީ އޭނާގެ ބައްޕަ ހާރޫނު ހޯދާށެވެ. އޭރު ހާރޫނު ހުރީ އިރުމަތީ ފަރާތުގެ ގޮނޑުދޮށުގައެވެ.
ދާއޫދު ވެސް ހާރޫނު ދެކެ އިންތިހާއަށް ބިރުގަނެއެވެ. ނަމަވެސް ފަރީނާގެ ހައްގުގައި ދާއޫދަށް އޭނާގެ ބައްޕަ ގާތަށް ގޮސް އާދޭސް ކުރަން މަޖުބޫރު ވިއެވެ. ދާއޫދު އޭނާގެ ބައްޕަގެ ގާތުގައި އެތައް އާދޭހެއް ކުރުމުން އެންމެފަހުން ހާރޫނު އައިސް ފެންތަށްޓެއް ކިޔަވާފައި ފަރީނާގެ އަނގައަށް އެޅިތަނާ، އިރުކޮޅެއްގެ ފަހުން ފަރީނާއަށް ވާހަކަ ދެއްކޭގޮތް ވިއެވެ. އެވަގުތު ފަރީނާގެ އަވައްޓެރި ފަތުހިއްޔާ ސުވާލު ކުރިއެވެ.
ފަރީނާ ކިހިނެތްވީ ބުނެބަލަ؟
ނަމަވެސް ހާރޫނާއި އޭނާގެ އަންހެނުން ސިއްތި އެތަނުގައި ހުރުމުގެ ސަބަބުން ފަރީީނާއަކަށް އެއްވެސް ޖަވާބެއް ދޭކަށް ނުކެރުނެވެ. ކިތަންމެ ބޭނުންވިޔަސް ލޮލުން ކަރުނަ އޮހޮރައިލުން ފިޔަވާ އިތުރު ކަމެއް ކުރެވޭނެ ހެއްޔެވެ؟ ހާރޫނާ ސިއްތިއަކީ ފަރީނާގެ ދިރިއުޅުމަށް ވިހަލަމުން އަންނަ ދެ ހަރުފައެވެ. އެދެމަފިރިންގެ ސަބަބުން ފަރީނާގެ ދިރިއުޅުންވަނީ ނާމާންކަމާއި ބިރުވެރިކަމުގެ ޖަންގައްޔަކަށް ވެފައެވެ. އިސާހިތަކު ފަރީނާގެ ގާތުގައިތިބި އަވެއްޓެރިންނާއި ދާއޫދުގެ އާއިލާގެ މީހުން އެގެއިން ނިކުމެގެން ހިނގައްޖެއެވެ. ފަރީނާ އަވަސްވެ ގަތީ އަލުން ފަތިސް ނަމާދު ކުރާށެވެ.ފަރީނާގެ ހިތުގައި ބިރުވެރިކަމާ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވަމުން ދިޔައެވެ. ދުވަހަކަށްވުރެ ދުވަހެއް ފަރީނާގެ ހާލު ދަނީ ދެރަވަމުންނެވެ.
މެންދުރުގެ ހޫނުކަން ދުނިޔެއަށް ފެތުރިގެންއައި ވަގުުތު ފަރީނާ އިނީ ގޭގެ ބޮޑުއަށީގައި ދެކުދިންނަށް ކާންދޭށެވެ. އިރުކޮޅެއްގެ ތެރޭގައި ހާރޫނާއި ސިއްތި އައިސް ބޮޑުއަށީގެ އަނެއްކޮޅުގައި ދުފަން އިށީނެވެ. އެވަގުތު ފަރީނާ އެކުދިން ގޮވައިގެން ގޭގެ ވަލުފަރާތަށް ނިކުތެވެ. ކައި ނިމިގެން އަޒްލީފާއާއި އަދުހަމް ތިބީ ކުޅޭށެވެ. ފަރީނާ ބަދިގެ ދަށަށް އެއްކޮށްފައިވާ ކާށިތައް ހެހުމުގައި އަވަދިނެތި އުޅުނެވެ. ރަށުތެރޭގައި ވައިސޫރިއެއްހެން އެނބުރިފައި ދާއޫދު އައިސް ގެއަށްވަދެ ފަރީނާއަށް ގޮވައިލިއެވެ.
ފަރީނާ….. ވަރަށް ބަނޑުހައިވެއްޖެ.. ކާންހަދާބަލަ…. ގޭތެރެއިން ވަލުފަރާތަށް ނިކުންނަމުން ދާއޫދު ގޮވާލިއެވެ.
އާނ..މިދަނީ.. ދަރިފުޅުމެން މިތަނުން ދުރަށް ނުދާތި.. މަންމަ އެބަ އަންނަން.. މިހެން ބުނެފައި ފަރީނާ ހިނގައިގަތެވެ.
ފަރީނާ ގޮސް ބަދިގޭގެ މޭޒުމައްޗަށް ބަތްތަށްޓަކާ ގަރުދިޔަ ބޯތަށްޓެއް ނެގިއެވެ. ދާއޫދު ބަނޑުހައިވެފައި އިންވަރުން އަވަހަށް ކާން ފެށިއެވެ.
ދާއޫދު… އަހަރެން ބޭނުން އަހަރެންގެ ރަށަށް ދިރިއުޅެން ބަދަލުވާން.. ދާއޫދުގެ ބައްޕަމެން މިޖައްސާ މުސީބާތުން އަހަރެންނަކަށް ދެން ކެތެއް ނުވާނެ… އަހަރެން މިދަނީ މި ވޭނުގައި އެއްދުވަހުން އަނެއް ދުވަހަށް ހާލު ދެރަވަމުންކަން ދާއޫދަށް ހަމަ ރަނގަޅަށް އެނގޭނެ!.. އަހަރެން ދާއޫދާ ވާހަކަ ދައްކަން ވެސް އެމީހުން ގަބޫލެއް ނުވޭ.. ދާއޫދު އަހަރެންނާ ކައިރިވެދާނެތީ ދާއޫދުގެ މަންމަ އެހުންނަނީ ފާރައަށް.. މިހެން ކިހިނެތް އުޅޭނީ.. އެތިބީ ކުޑަ ދެކުދިން ވެސް.. އެ ދެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދަދޭން އަހަރުމެން ޖެހޭ މިނޫން ގޮތެއް ހޯދަން.. މިކަމާ ދާއޫދު ވިސްނަބަލަ.. ފަރީނާ އާދޭހުގެ ރާގެއްގައި މަޑުމޮޅިކަމާއެކު ދާއޫދާ ވާހަކަ ދައްކަމުން ދިޔައެވެ.
ދެެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ
![]()











