އަބަދުވެސް އަޑުއިވޭ އެއް ޝަކުވާއެއް އޮވެއެވެ. އެއީ އަނބިންނަށް ފިރިން އަޅައިނުލައި ފިރިން އަނބިންދެކެ ލޯބި ނުވާ ވާހަކައެވެ. މިއީ ފުޅާ މައުޟޫއެއް ނަމަވެސް މައިގަނޑު 7 ކަމެއް މި ލިޔުމުގައ ހިމަނައިލާނަމެވެ. އެއީ ފިރިން އަނބިންދެކެ ލޯބިވާނެ 7 ސަބަބެވެ.
1 ބަސްމަދުވުން
ކޮންމެ ދިރިއުޅުމެއްގައިވެސް މައްސަލަ ޖެހޭނެއެވެ. ހިތްހަމަ ނުޖެހޭ އެތައް ކަމެއް ވާނެއެވެ. ނަމަވެސް ކަމެއް ދިމާވާއިރަށް އަޑުގަދަކޮށް ވާހަކަ ގިނަވާ އަނބިންދެކެ ފިރިން ފޫހިވާނެއެވެ. މައްސަލައެއް ޖެހޭއިރު ފިރިމީހާގެ ބޯމަތިން ފުއްމައިގެން ދާވަރަށް އަޑުގަދަ ކޮށްލީމައި ފިރިން އެފަދަ އަނބިންދެކެ ވަރަށް ފަސޭހައިން ފޫހިވާނެއެވެ. އޭގެ ބަދަލުގައި ބަސްމަދުކޮށް ކިޔަމަންތެރިކަމާއެކު ބަސްބުނާނަމަ ފިރިން ވަރަށް ލޯބިވާނެއެވެ.
2 ތެދުވެރިކަން
ބައެއް އަނބިންނަކީ ދޮގުހަދައިއުޅޭ އަނބިންނެވެ. އަދި ފިރިންނަށް މަކަރުހަދާ އޮޅުވާލައި އަނބިންނެއްވެސް މަދެއް ނޫނެވެ. އެއީ އެކަނބަލުންގެ ޠަބީޢީ ކަމެކެވެ. މިކަން ގަބޫލު ކުރަން ވާނެއެވެ. މާތް ﷲ އެއެއްޗެއް ހަލްޤު ކުރައްވާފައި އެއްޗަކީ ވަރަށް ބޮޑު އެއްޗެއްކަމަށް ވަހީކުރެއްވީ އަންހެނުންގެ މަކަރުވެރިކަމެވެ. މިކަން ބަޔާންކުރައްވާ މާތް ﷲ ޔޫސުފް ސޫރަތުގެ 28 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
إِنَّ كَيْدَكُنَّ عَظِيمٌ
ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ.
އެހެންކަމުން ފިރިންނަށް ވަފާތެރި އަނބިންނަކީ މިއަދު ޔާޤޫތުފަދަ ތަދު ބައެކެވެ. އަދި އެއީ ވަރަށް ނަސީބުވެރި ފިރިޔަކަށް ނޫނީ ނުލިބޭނެ ޖަވާހިރެކެވެ. ކަންމިހެން އޮތްނަމަވެސް ވަފާތެރިކަމާއި ތެދުވެރި އަނބީން ވެސް އުޅެއެވެ. އެހެންކަމުން ފިރިންނަށް އެއްވެސް ކަމެއް އޮޅުވައިނުލައި ތެދުވެރިކަމާއެކު ކިޔައިދީ ފިރިމީހާއަށް ވަފާތެރިވުމަކީ ފިރިން ލޯބިވާނެ ސަބަބެކެވެ.
3 މީރުކޮށް ކެއްކުން
މީރުކޮށް ކައްކާ އަނބިންދެކެ ފިރިން އާދަޔާ ހިލާފަށް ލޯބިވާކަން ފާހަގަ ކުރެވެއެވެ. އޭގެ ސަބަބުން ފިރިން ރައްޓެހިންނާއެކު ބޭރުން ކެއުން މަދުވެއެވެ. އަދި ގިނަ ވަގުތު ގޭގައި އުޅެއެވެ. މީރުކޮށް ކައްކަން އެނގޭ އަންހެނެއްގެ ދިރިއުޅުން ރީތިވެފައި އުފާވެރިކަމަށް ފެނެއެވެ.
4 ސަމާސާ ކުރުން
އަނބިން ފިރިންނަށް ސަމާސާކޮށް ފިރިން އުފާކުރުވުމަކީ ކުރަން ޖެހޭ ކަމެކެވެ. އެފަދަ އަނބިންގެ ދިރިއުޅުން އުފާވެރިއެވެ. ނަމަވެސް އަނބިމީހާގެ މި އާދަ ނެތްނަމަ ފިރިން އެހެން ގޮތަކުން އެ އުފާވެރިކަން ހޯދަމުން އާދެއެވެ. މިއީ ހިތާމަހުރި ކަންކަމެވެ. އޭގެ ބަދަލުގައި ފިރިންނާ ސަމާސާކޮށް ފިރިން އުފާކުރާނަމަ އޭނާ ގެއިން ބޭރަށް ނިކުންނަ ހިތަކުން ނުނިކުންނާނެއެވެ. އޭނާ އަބަދުވެސް އުޅޭހިތްވާނީ ގޭގައެވެ. މިއީ ކިހާ އުފާވެރިކަމެއް ހެއްޔެވެ؟
5 ފިރިމީހާ ދެކެ ލޯބިވާކަން އެންގުން
ފިރިންނަކީ އަނބިން ފަދައިން ވަރަށް ބުރަކޮށް އުޅޭ ބައެކެވެ. ވަޒީފާއާއި އާމްދަނީ ލިބޭ އެހެނިހެން މަސައްކަތްތަކުގައެވެ. އެވަގުތުތަކުގައި ފިރިމީހާއަށް އޭނާ އުފާވާފަދަ މެސެޖެއް ކޮށްލާށެވެ. ނުވަތަ އޭނަ ހެއްވާލާށެވެ. އަދި ފިރިމީހާ މަތިން ހަނދާންވާ ކަމަށާއި އަވަހަށް ގެއަށް އަންނަން ބުނާށެވެ. އަދި ބަލައިގެން އުޅެން ބުނެ، ތިބާ ފިރިމީހާއާމެދު ވިސްނާކަން އޭނާއަށް އިހުސާސް ކޮށްދޭށެވެ. އޭރުން އެދިރިއުޅުން އުފާވެރިވާނެއެވެ.
6 ސާފުތާހިރު ކަމާއި ތަރުތީބު
ގޭތެރޭގެ ސާފުތާހިރުކަމާއި އަނބިމީހާގެ ސާފުތާހިރު ކަމަކީ ފިރިންގެ ލޮލުގައި އެންމެ ފަސޭހައިން އަޅައިގަންނަ އެއް ކަންތަކެވެ. އަނބިމީހާގެ މުރާލިކަމާއި އޭނާގެ ސާފުތާހިރުކަން ފެނިފައި ފިރިން އަނބިންދެކެ އާދަޔާ ހިލާފަށް ލޯބިވެއެވެ. އަދި ގޭތެރޭގެ ތަރުތީބު ކަމާއި ގޭތެރޭގެ ހިތްހަމަ ޖެހުމަކީ ފިރިން އަނބިންދެކެ ލޯބިވާ ސަބަބެކެވެ. އަބަދުވެސް ގޭތެރޭގަޔާއި ބަދިގޭގައި އަދި ކޮޓަރީގައި ހުންނަ ތަކެތި ތަރުތީބުން ބެހެއްޓުމަށް ސަމާލުކަން ދޭށެވެ. އަދި ފިރިމީހާ ގެއަށް އަންނައިރު ގޭގައި މީރުވަހެއް ދުވާފަދަ އެއްޗެއް ޖަހާފައި ބަހައްޓާށެވެ. އޭރުން ފިރިމީހާ ނުތަވަސްކަމާއެކު ގެއަށް ވަނަސް އެ ވަހާއި އެ މަންޒަރުތަކުން ހިތަށް ހަމަޖެހުން ލިބިގެން ދާނެއެވެ.
7 ފިރިމީހާގެ ކިބައިން މާފަށް އެދުން
އަނބިމީހާ ފިރިމީހާގެ ގާތުގައި މާފަށް އެދެންވީ ބޮޑު ކުށެއް ކުރެވުނީމައި އެކަންޏެއް ނޫނެވެ. އަބަދުވެސް އަނބިމީހާއާމެދު ފިރިމީހާގެ ހިތް ސާފުކޮށް ބާއްވަން މަސައްކަތް ކުރަން ވާނެއެވެ. ފިރިމީހާ ނުރުހިފައި ހުރިތޯ ބަލައި، ފިރިމިހާގެ ހިތްހަލާލު ހޯދަން ވާނެއެވެ. އަނބިމީހާއަށް ގޯސްކަމެއް ކަމެއް ކުރެވިފައި އޮތްތޯ އަހައި ފިރިމީހާއާ ވާހަކަ ދައްކައި ނިދަންވެސް ބޭނުންވަނީ ފިރިމީހާގެ ރުހުން ލިބިގެންކަމަށް ބުނާށެވެ. އޭރުން ފިރިމީހާ އަނބިމީހާމެދު ހެޔޮކޮށް ވިސްނައި އިތުރަށް ލޯބިވާނެއެވެ. ދަންނަވަންތޯއެވެ! މި ނޫނަސް އަނބިމީހާދެކެ ފިރިމީހާ ލޯބިވާވަރު އިތުރުކުރުމަށް ކުރެވެންހުރި ބައިވަރު ކަންކަން ހުރެއެވެ. މި ދަންނަވާލީ އެންމެ އާދައިގެ އެންމެ އާންމު ހަތް ކަންތަކެވެ. އެހެންކަމުން އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާނެ ހުރިހާ ކަމެއް ކުރެވޭތޯ މަސައްކަތް ކުރަން ވާނެއެވެ. އެކިމީހުން އުފާވާނީ އެކި ކަންކަމުގައެވެ. އެގޮތެއް އިހުތިޔާރު ކުރާނީ ދެމަފިރިންނެވެ. ބައެއް މީހުން ވިސްނަފާނެއެވެ. ތިމަންނައަކީ މީރުކޮށް ކައްކާ މީހެކެވެ. ނޫނީ ސާފުތާހިރު ތަރުތީބު މީހެކެވެ. ނޫނީ މި ނޫނަސް އެ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތް މީހެކެވެ. އެކަމަކު ފިރިމީހާ ތިމަންނަ ދެކެ ލޯތްބެއް ނުވެއެވެ. މިފަދަ އަނބިން ވިސްނާށެވެ. މި ހަތް ސަރުތުތަކުގެ ތެރެއިން ކޮންމެވެސް ސަރުތުތަކެއް އެބަ އުނިވެއެވެ. ފަހަރުގައި މާ ރުޅިގަދަވެފައި ރުންކުރީ ކަންނޭނގެއެވެ. އެގޮތެއް ބަލާށެވެ. ނޫނީ ފިރިމީހާ ގާތުގައި އަހާށެވެ. އޭރުން މައްސަލަ ހައްލުވާނެ ކަމުގައި ދެކެމެވެ. އުންމީދަކީ މި ލިޔުމުގެ ސަބަބުން ތިޔަ ދެމަފިރިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމެވެ. އުފާވެރި ހަޔާތަކަށް އެދެމެވެ.
ނޯޓު: މި ލިޔުމަކީ އަޅުގަނޑު 2019 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.
![]()









