ކިޔަމަންތެރި އަނބީން- ފުރަތަމަ ބައި

ކައިވެނީގެ މާތް ގުޅުމަކުން ގުޅިފައިވާ އަންހެނަކާއި ފިރިހެނެއްގެ ދިރިއުޅުމުގައި އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއް ވެއެވެ. އަދާކުރަންޖެހޭ ޒިންމާތަކެއް ވެއެވެ. އެކަކު އަނެކަކަށް ލޯބިދީ އަޅައިލާން ޖެހެއެވެ. މިއީ ކޮންމެ ދިރިއުޅުމެއްގައި ވެސް ހުންނާންޖެހޭ އަސާސީ ކަންކަމެވެ. ނަމަވެސް މި އާޓިކަލްގައި މި ބަލައިލަނީ ކިޔަމަންތެރި އަނބިންނަކީ ކޮބައިކަމާއި އެ އަނބިންގެ ގައިގައި ހުންނަންޖެހޭ ސިފަތަކުގެ މައްޗަށެވެ.

ކިޔަމަންތެރިވުން މިބަހުގެ މާނައަކީ ބަސް އެހުމެވެ. ނުވަތަ ބޯލެނބުމެވެ. ﷲ ށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފުރިހަމައަށް ކިޔަމަންވުމާއި ފިރިމީހާގެ ބަސް އެހުމާއި، ފިރިމީހާ އަންގާ އެންގުންތަކަށް ނުވަތަ ގޮވައިލެވޭ ކޮންމެ ގޮވައިލުމަކަށް ފުރިހަމައަށް އިޖާބަދިނުން ހިމެނެނީ ކިޔަމަންތެރިކަމުގެ ތެރޭގައެވެ. މިގޮތުން އަންނަނިވި ބައިތަކަށް ބަލައިލަމާ ހިނގާށެވެ.

ސިއްރު ހިފެހެއްޓުން:

ސިއްރަކީ އަމާނާތެކެވެ. އެޔަށް ހިޔާނާތްތެރި ވެއްޖެނަމަ ފާފަވެރިވާނެއެވެ. އަދި ހާއްސަކޮށް ފިރިމީހާގެ ސިއްރުތައް ބޭޒާރު ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެނީ ފިރިމީހާގެ ޢައިބުތަކާއި ފިރިމީހާގެ ސިއްރުތަކަށް ރައްކާތެރިވުމަކީ ވާޖިބެކެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ  ރަނގަޅު ހެޔޮލަފާ އަނބިން ސިފަކޮށްދެއްވާ ހަދީޘް ކުރެއްވި ކަމަށް އަބޫ ދާއޫދާއި އަލްޙާކިމް ރިވާކުރެއްވި ހަދީޘެއްގައި ވެއެވެ.

 اَلْمَرْءَةُ الصَّالِحَةُ إِذَا نَظَرَ إِلَيْهَا سَرَّتْهُ وَإِذَا أَمَرَهَا أَطاَعَتْهُ وَإِذَا غَابَ عَنْهَا حَفِظَتْهُ

ސާލިހު ރަނގަޅު އަނތްބަކު ވިއްޔާ، ފިރިމީހާ އެކަނބުލޭގެއަށް ބަލައިލުމުން އެކަނބުލޭގެ ރިވެތިކަމާއި އަހުލާގު ރަނގަޅުކަމުގެ ސަބަބުން ފިރިމީހާ އުފާވާނެއެވެ. އެކަނބުލޭގެއަށް ފިރިމީހާ އަމުރެއް ކޮށްފިނަމަ، އެ ޢަމުރަށް ފުރިހަމަ ގޮތުގައި އެކަނބުލޭގެ ކިޔަމަންވާނެއެވެ. އަދި ފިރިމީހާ އެކަނބުލޭގެއާ ދުރުގައި ހުންނަ ވަގުތުގައިވެސް ފިރިމީހާގެ ހުރިހާ ކަމެއް ބަލަހައްޓައި ފިރިމީހާގެ ސިއްރުތަކާއި ޢަބުރު ރައްކާތެރި ކޮށްދޭނެއެވެ.

މި ހަދީޘުން އެނގޭގޮތުގައި ޞާލިހު އަނބީންނަކީ ރިވެތި އަހުލާގުގެ ވެރި ބައެކެވެ. އެކަނބަލުންގެ ރީތިކަން ބިނާވަނީ ޚުލްޤުގެ މައްޗަށެވެ. އެކަނބުލޭގެ ގައިގައި ހުންނަ ރީތި އާދަތަކެއްގެ ސަބަބުން ފިރިމީހާއަށް އުފާވެރިކަން ގެނުވާނެއެވެ. އެ ކަނބުލޭގެ ގައިގައި ހުންނަ ފަރި ހަރަކާތްތަކެއްގެ ސަބަބުން ފިރިމީހާ ފޫހިކަމެއްނެތި ބަލަން ހުންނާނެއެވެ. އެފަދަ އަނތްބަކަށް އުފާވެރިކަން ހުއްޓެވެ. އެކަނބުލޭގެ އޭނާގެ ފިރިމީހާގެ ސިއްރުތަކެއް ބޭޒާރެއް ނުކުރާނެއެވެ. މަކަރެއް ނަހަދާނެއެވެ. ފިރިމީހާއަށް ފުރިހަމައަށް ކިޔަމަން ވާނެއެވެ. ފިރިމީހާއަކީ އެ ކަނބުލޭގެ ގާތުގައި ރަސްކަލެއްފަދަ މީހެކެވެ. އެ ކަނބުލޭގެ އޭނާގެ ފިރިމީހާ ލަދުގަންނަންޖެހޭފަދަ ހުރިހާ ކަމަކުން ދުރުވެ ގަންނާނެއެވެ. ފިރިމީހާގެ އާއިލާ އަދި އެކަނބުލޭގެ އާއިލާ ނުވަތަ ރައްޓެއްސެއްގެ ގާތުގައި ވެސް، އަދި ކިއެއްތަ! އެއްވެސް ނަފްޞެއްގެ ގާތުގައި ފިރިމީހާގެ ޢައިބެއްގެ ވާހަކަ ނުވަތަ ފިރިމީހާގެ ސިއްރުތަކުންކުރެ ސިއްރެއްގެ ވާހަކައެއް ނުބުނާ ހުއްޓެވެ. އެކަނބުލޭގެއީ އަބަދު ވެސް މާތް ﷲ ށް ތަގުވާވެރިވެ އެކަލާންގެއަށް ބިރުވެތިވާ އަންހެނެއް ކަމުގައި ވާންޖެހޭނެއެވެ. މިއީ ކިޔަމަންތެރި އަނބިންގެ މިސާލެވެ. އެއީ އެކަނބުލޭގެއަށް އެންމެ ހެޔޮ ގޮތެވެ. މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.

فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ ۚ  – النساء: ٣٤

މާނައީ: ފަހެ، ޞާލިހު އަންހެނުންނަކީ މާތް ﷲ އަށާއި އެކަނބުލޭގެ ފިރިމީހާއަށް އަދާކުރައްޖެހޭ ހައްގުތައް އަދާކޮށް، ކިޔަމަންތެރިވާ އަންހެނުންނެވެ. އަދި ފިރިމީހާ ނެތް ވަގުތުގައިވެސް އޭނާގެ ހުރިހާ ކަމަކަށް ރައްކާތެރިވެގަންނަ އަންހެނުންނެވެ.

މި އާޔަތުން ދޭހަވަނީ އަނބިމީހާއަކީ ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއް އޮތް މީހެއް ކަމެވެ. މާތް ﷲ ށް އަދާކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ނަމާދު ކުރުމާއި ސުންނަތް ރޯދަހިފުމާއި، ގިނަ ގިނައިން ޞަދަގާތް ކުރުމާއި، ގުރުއާން ކިޔެވުމާއި، ގިނަ ގިނައިން ﷲ ގެ މަތިން ހަނދުމަކުރުން ( ޛިކުރު ކުރުން) ފަދަ ހެޔޮ އަމަލުތައް މަތީގައި އަނބިމީހާ ހުންނަން ވާނެ ކަމެވެ. އަދި ފިރިމީހާ ތިޔަކަނބަލުންގެ ގާތުގައި ނުވަތަ ރަށުގައި ނެތް ހިނދެއްގައި ވެސް، އަނބިމީހާ ފިރިމީހާގެ މައްޗަށް ރައްކާތެރިކަން އިހުތިޔާރު ކުރުމަށް އަމުރު ކުރައްވާފައިވާކަން ދޭހަ ކޮށްދެއެވެ. އެކަނބުލޭގެ ފިރިމީހާ ރަށުގައި ނެތް ނަމަވެސް، އެކަނބުލޭގެ އިތްފަތްތެރިކަމަށާއި އެކަނބުލޭގެ ފިރިމީހާގެ އިއްޒަތާއި އަބުރަށް ރައްކާތެރި ވާން ވާނެއެވެ. ފިރިމީހާގެ ދާން ހަޑި ކުރުމުގެ ގޮތުން ހިލޭ ފިރިހެނުންނާ ގުޅުން ބާއްވައި، ފޯނުން މީހުންވާ ވާހަކަ ދައްކާއި، ފިރިމީހާގެ ސިއްރުވެރި ވާހަކަތައް ކިޔައިދިނުންފަދަ ވިޔާނުދާ ޢަމަލުތައް ކުރުމުން ރައްކާތެރި ވާން ޖެހޭނެއެވެ. ފިރިމީހާއަށް ނޭނގޭނެކަމަށް ހިތައި ހިލޭ ފިރިހެނުން ގެއަށް ވައްދައި، ތިޔަ ކަނބަލުންގެ ފިރިމީހާގެ އަބުރުވެރިކަމާއި އޭނާގެ ޝަރަފުވެރިކަމާއި އިއްޒަތް ކަތިލައި، އަނބިމީހާގެ ހަށިގަނޑު ނީލަންކީގެން ދިއުމަކީ މުޑުދާރުވެގެންވާ ނުބައި އަމަލެކެވެ. މިފަދަ އެންމެހާ ކަންކަމުން ދުރުހެލިވާށެވެ.

އިތްފަތްތެރިކަމާއި ލަދުވެތިކަން

އިތްފަތްތެރިކަމަކީ އަނބިމީހާގެ ރައްކާތެރި ކަމެވެ. އެއީ އެކަނބުލޭގެ ހަޔާތެވެ. ހަމަ އެހެންމެ ލަދުވެތިކަމަކީ އިތްފަތްތެރިކަމުގެ އެއް ބައެކެވެ. ލަދުވެތި އަނބިީންނަކީ އެމީހުންގެ ހަޔާތުގައި އުފާވެރިކަން ލިބިގެންވާ ބައެކެވެ. ލަދު ހަޔާތެއް ނެތް މީހުންގެ ދިރިއުޅުންތަކުން ފެނިގެންދަނީ ހިތާމަޔާއި މާޔޫސްކަމެވެ. ޢަބުރެއް ޢިއްޒަތެއް އިހުތިރާމެއް ލިބގެން ނުވާތަނެވެ. ލަދުވެތި އަނބީންދެކެ ފިރިން މާ ލޯބިވާކަމަށް ވަރަށް ސާފުކޮށް ފެންނާން އެބަ ހުއްޓެވެ. އެކަނބަލުންގެ ލަދުވެތިކަމުން އެކަނބަލުންގެ ފިރިީން އެކަނބަލުންދެކެ އިންތިހާއަށް ލޯބިވެއެވެ. އެފަދަ ފިރީން، އަބަދުވެސް އެކަނބުލޭގެ ފެންނަ ހިސާބުގައި އުޅޭ ހިތްވާނެއެވެ. ފިރިމީހާ އަނބިމީހާއަށް ބަލައިލުމާއެކު އަނބިމީހާ ލަދުވެތިވެ، އަނބިމީހާއަށް އެ ވެގެންދާ ގޮތް ފެނުމުން ފިރިމިހާއަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވައެވެ. މިކަމުގެ ސަބަބުން އަބަދު ވެސް ޒުވާންކަމުގެ އިހުސާސް ފިރިމީހާއަށާއި އަނބިމީހާއަށް ކުރާނެއެވެ. އެފަދަ ދިރިއުޅުމެއް އުޅެމުން އަންނަ ދެމަފިރިިންގެ ހަޔާތް ބާއްޖަވެރިވާނެއެވެ. ނަމަވެސް ލަދުވެތިކަމެއްނެތި އެކަނބުލޭގެ ނިވާކަން ވީދާލައި، އަނގަގަދަ ކަމުން ބޭކާރު ވާހަކަދެއްކުމުގައި އުޅޭނަމަ، ނުވަތަ އެ ކަނބުލޭގެ ނިވާކަން ވީދާލައި، ލަދެއް ހަޔާތެއް ނެތި އުޅޭނަމަ، ފިރިމީހާ އެ ކަނބުލޭގެ ދެކެ ފޫހިވެ ރުޅި އަންނަ ގޮތް ވާނެއެވެ. އެ ދިރިއުޅުމުގެ މަގުޞަދާއި ދިރިއުޅުމުގެ ޝައުގުވެރިކަން ގެއްލިގެން ދާނެއެވެ. އަދި ފިރިމީހާ އެހެން މީހަކު އިހުތިޔާރު ކުރުމުގެ ފުރުޞަތު ބޮޑު ވެގެން ދާނެއެވެ.
މީގެއިތުރުން ފިރިމީހާގެ މައިންބަފައިންގެ ކުރިމަތީގަޔާއި، ފިރިމީހާގެ އާއިލާގެ ކުރިމަތީގައި މަޑުމައިތިރިވެ ބަސްމަދު މީހަކަށް ވާން ޖެހޭނެއެވެ. އެއީ ލަދުވެތި ކަމުގެ ސިފައެކެވެ. ފިރިމީހާގެ ރައްޓެހި ރަހުމަތްތެރިންގެ ކުރިމަތީގައި ނުވަތަ އެމީހުންނާ ވާހަކަ ދެއްކުމުގައި ލަދުވެތި ވާން ޖެހޭނެއެވެ. އެހެން ނޫންނަމަ އެބައިމީހުން އެކަނބުލޭގެއާ ދައްކަން ނުވާވަރުގެ ލަދުވެތި ވާހަކައެއްވެސް ދައްކަފާނެއެވެ. އަދި އެބައިމީހުންނާ ގުޅުމެއް އުފެދިގެން ހިނގައިދާނެއެވެ. އަދި އެބައިމީހުންނާ އުފެދޭ ގުޅުމެއްގެ ސަބަބުން ތިޔަ ކަނބަލުންގެ އިތްފަތާއި އިއްޒަތް ކަތިވެގެން ހިނގައިދާނެއެވެ. ހަމަ އެފަދައިން ފިރިމީހާގެ ބައްޕައާއި ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެން ކުދިންގެ ކިބައިންނާއި، ފިރިމީހާގެ އެއްބަނޑު އެއްބަފާ ކުދިންނާއި އަވެއްޓެރިންގެ ކިބައިން ރައްކާތެރިކަން ހޯދައިގެން ނޫނީ އިތްފަތްތެރި ކަނބަލެއް ކަމުގައި ނުވެވޭނެއެވެ.

ލަދުވެތިކަމަކީ ތި ކަނބަލުންގެ ޢަބުރެވެ. އެ ޢަބުރު ކަތިލައިފިނަމަ ތި ކަނބަލުންގެ ޢިއްޒަތާއި ޝަރަފުވެރިކަމާއި އިޙްތިރާމާއި ޤަދަރެއް ނޯންނާނެއެވެ. ތިޔަ ކަނބަލުންގެ ހަށިގަނޑަކީ ފިރިހެނުންގެ ލޯތަކަށް ދަހި އެއްޗެކެވެ. އެބައިމީހުންގެ ޝިކާރައަކަށް އަބަދުވެސް ވާނީ ތިޔަ ކަނބަލުންގެ ޢިތްފަތްތެރިކަމާއި ތިޔަ ކަނބަލުންގެ ހަށިގަނޑުތަކުން ލިބިގަންނަ އުފާތަކެވެ. ފަހަރެއްގައި ވެސް އެއީ ތިޔަ ކަނބަލުން ކައިރިވެގެން ވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް ކައިވެނީގެ މަތީގައިވާ ކަނބަލުން އެފަދަ ނުބައި އާދަތަކަށް މަގުފަހިވާ ކަންކަމުން ވެސް ދުރުވާންވާނެއެވެ. މިނިކާވަގު މަސްގަނޑަކަށް ދަހިވެތިވެފައިވާ ފަދައިން، ފިރިހެންތަކުން ތިޔަ ކަނބަލުންގެ ފަރާތުން އެދޭ އެދުންތަކާއި، ތިޔަ ކަނބަލުންގެ ޢިތްފަތްތެރިކަމަށް ކުރާ ޝިކާރައިން ހަމައެކަނި ސަލާމަތްވެވެން އޮތް މަގަކީ ވެސް ލަދުވެތި ކަމާއި ޢިތްފަތްތެރިކަމެވެ.

އަނބިންނަކީ ވަރަށް މާތް ދަރަޖައެއް ދެއްވާފައިވާ ބައެކެވެ. ވަރަށްބޮޑު ރައްކާތެރިކަމެއް ދެއްވާފައިވާ ބައެކެވެ. އަނބިންނަކީ އަބަދުވެސް ކޮންމެ ވެސް މީހެއްގެ ހިމާޔަތުގެ ދަށުގައި ވަރަށް ލޯބިން ގެންގުޅެންޖެހޭ ބައެކެވެ. އަނބިން ނުވަތަ އަންހެނުން ވާންޖެހޭނީ އެކަނބަލުންގެ މުޅި ހަށިގަނޑާއި އެކަނބަލުންގެ ޢައުރަތައް ފޮރުވާފައިވާ ބަޔަކަށެވެ. ކޮންމެހެން ނިކުންނާން ޖެހިއްޖެނަމަ ނޫނީ، ގެއިން ވެސް ނުނިކުތުން ހެޔޮ ބަޔަކަށެވެ. އެކަމުގައި އެ ކަނބަލުންނަށް ރައްކާތެރިކަން ބޮޑުވެގެން ވެއެވެ. މިކަމަށް ޢަމުރު ކުރައްވާ މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا  ﴿۳۳﴾-  سورة الأحزاب

އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ. އިހުގެ ޖާހިލިއްޔަ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ. އަދި ތިޔަކަނބަލުން ނަމާދު ޤާއިމް ކުރާށެވެ. އަދި ތިޔަކަނބަލުން ޒަކާތް ދޭށެވެ. އަދި ﷲ އާއި، އެކަލާނގެ ރަސޫލާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ. އޭ އަހުލު ބައިތުންނޭވެ! ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުން ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠާހިރު ކުރެއްވުމަކުން ޠާހިރު ކުރެއްވުމަށެވެ.

މި އާޔަތުގައި މާތް ﷲ އަމުރު ކުރައްވާފައިވަނީ ތިޔަ ކަނބަލުން ގެތަކުގައި ތިބުމަށެވެ. މާނައަކީ ގެއިން ނުނިކުންނާށެކޭ ނޫނެވެ. ތިޔަކަނބަލުންނަށް އެންމެ ރައްކާތެރިކަން ލިބިގެންވާ ތަނަކީ ތިޔަބައިމީހުންގެ ގެއެވެ. ކޮންމެހެން ގެއިން ނިކުންނަން ޖެހިއްޖެނަމަ، މުޅި ހަށިގަނޑު ނިވާވާނެހެން ހިޖާބުވެގެން ނޫނީ ނިކުތުން ރައްކާތެރިއެއް ނޫނެވެ. އެހެނީ މަގުތަކަކީ އެކި ބާވަތުގެ މީހުން އުޅޭ ތަނެކެވެ. ރަނގަޅު މީހުންނާއި ނުބައި މީހުންނެވެ. ތަޤުވާގެ އަހުލުވެރިންނާއި ޝަހުވަތުގެ އެދުންތަކަށް ދަހިވެތިވެފައިވާ މީހުންނެވެ. އެހެންކަމުން އެފަދަ މީހުންގެ ހިތްތައް ލެނބޭފަދަ އެއްވެސް ކަމެއް ކުރުމަކީ ތިޔަ ކަނބަލުންނަށް ޖާއިޒުވެގެން ވާނެ ކަމެއް ނޫނެވެ.

އިހުގައި ( ޖާހިލިއްޔަ ޒަމާނުގައި) މަގުތައް މަތީގައި ނިވާކަން ކުޑަ ގޮތްގޮތަށް ފޭރާން އަޅައި، މޫނާއި ހަށިގަނޑުގައި ތަފާތު ކުލަކުލަ ޖައްސައިގެން އަތްފައިގައި ގިގުންޏާއި ކެވެއްޔާއި ތަކަހޮޅި އަޅައިގެން އޭގެ އަޑުތަކަށް މީސްތަކުންގެ ލޯތަކާއި ކަންފަތްތައް ހުއްޓުވުން މީ އެޒަމާނުގައި ކޮށް އުޅުނު ކަންކަމެވެ. މިއަދު މި މަންޒަރުތައް ފެނިގެންދާކަމީ ހިތާމަހުރި ކަމެކެވެ. އެފަދައިން ގައިގައި ހުވަނދުލައި ޒީނަތްތެރިވެގެން، އެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފާޅުކޮށް މީސްތަކުންގެ ހިތްތަކުގައި ނިފާޤުކަން އުފެދޭ ކަންކަން ކުރުމަކީ އެއްވެސް ހާލެއްގައި ހުއްދަ ވާނެ ކަމެއް ނޫނެވެ.

މިއަދު އެފަދަ އަމަލުތައް ކުރާ ކަނބަލުން މުޖުތަމައުގައި އެއްވެސް އަގެއްނެތް މީހެއް ފަދައިން އުޅޭތަން ދެކޭނޫއެވެ. އެއްވެސް ގަދަރެއް ނެތް، އެއްވެސް އިހުތިރާމެއްނެތި، ކަޝްބީ އަންހެނުންގެ ނަމުން ނަން ކިޔާއުޅޭ ކަނބަލުން ވެސް މިއަދުގެ މީސް މީޑިޔާގެ އެކި މަންސަތަކުުންނާއި މި މުޖަތަމައުގެ އެކި ދިމަދިމާއިން ފެންނާނެއެވެ. މިއީ ނިވާކަން ވީދާލުމުގެ ސަބަބުން ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތްތަކެވެ. މިފަދަ އަމަލުތަކުން އަނބިން ދުރުހެލިވާން ވާނެއެވެ.

މީހަކު ތިބާގެ ފިރިމީހާއާ ދިމާއަށް ” ތިބާގެ އަނބިމީހާގެ ސިއްރު އެވެނި މިވެނި ކަމެއް ތިމަންނައަށް އެނގެޔޭ” ބުނެފިނަމަ ތިބާގެ ފިރިމީހާ ގަންނާނެ ލަދު އިހުސާސް ކޮށްލާށެވެ. އަދި ” ތިބާގެ ކަންކަން ހުރީ އެވަނި މިވަނި ގޮތަކަށޭ” ބުނެ އޭނާގެ ސިއްރުވެރި ވާހަކަތަކެއް ހާމަވެގެން ދިއުމުން ފިރިމީހާ ގަންނާނެ ލަދު އިހުސާސް ކޮށްލާށެވެ. އަނބިމީހާގެ ޢައިބުތަކާއި އޭނާގެ ރީތިކަން އެނގެންވާނީ އެ ކަނބުލޭގެ ފިރިމީހާއަށެވެ. ނަމަވެސް އެ ރީތިކަމާއި ދޮންކަމާއި، އެ އޮމާންކަން މީސް މީޑިއާގައި އަދި މީހުންގެ ފޯނު ތަކުގައި ފަސޭހައިން ފެންނާނެހެން ހުރުންމީ ކޮންފަދަ ނުބައި ޢަމަލު ތަކެއް ހެއްޔެވެ؟ ކޮންފަދަ ނުބައި ފިތުނައެއް ހެއްޔެވެ؟ ކަނބަލުން ވާންޖެހޭނީ އަބަދު ވެސް ފިރިމީހާއަށް ލަދުވެތިވެ ހުންނަ ހާލުގައެވެ. ފިރިމީހާގެ އިއްޒަތާއި އަބުރު އަދި ޤަދަރު އުފުލައިދޭ މީހެއް ކަމުގައެވެ. އަނބިމީހާ އަބަދު ވެސް ވާންޖެހޭނީ ފިރިމީހާގެ ކޮންމެ އުފަލަކީ އަނބިމީހާގެ އުފާކަމުގައި ދެކޭ މީހެއް ކަމުގައެވެ. އޭރުން އުފާވެރި އާއިލާއެއް ބިނާވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

( ނުނިމޭ)

Loading

ގުޅޭ ލިޔުންތައް