އަބަދުވެސް އަޑުއަހާ އެއް ވާހައެއް އޮވެއެވެ. އެއީ އިންސާނުންގެ ދިރިއުޅުގައި ކުރިމަތިވާ މުޞީބާތްތަކާއި އުނދަގޫތަކުން ސަލާމަތްވުމަށް އެކި ގޮތްގޮތުން މަރުވާ ވާހަކައެވެ. މިއީ ފުޅާ މައުޟޫޢެއް ނަމަވެސް އަޅުގަނޑު ދެތިން ނުކުތާއެއް ފާހަގަ ކޮށްލާނަމެވެ. އަދި މި ލިޔުން މާ ދިގު ކުރާކަށް ވެސް ނެތީމެވެ.
އިންސާނުން ދުނިއަށް އުފައްދަވާފައިވަނީ އެންމެ މަގުޞަދެއްގައެވެ. އެންމެ ބޭނުމެއްގައެވެ. އެއީ އުޚުރަވީ ޚަޔާތަށް ތައްޔާރުވުމުގެ ގޮތުން އިމްތިޙާނެއްގެ ގޮތުގައެވެ. ނެތުމުގެ ތެރެއިން މިއޮއްބޮޑު ކާއިނާތު އުފައްދަވައި އަޅުގަނޑުމެންނަށް ހުރިހާ އުފާތަކެއް ލައްވައި، އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވެވީ މި ދެންނެވި ސަބަބަށް ޓަކައެވެ. އިރުހަނދާ ތަރިތަކާއި ވައިރޯޅިއާއި، ވިލާތަކާއި، ވާރެއާއި، ކަނޑާއި އެއްގަމާއި ރުއްގަސް އަދި ދޫނިސޫފާސުތްޕާއި ޖަނަވާރުން ލެއްވީ ކޮންބައެއްގެ އުފަލަށް ޓަކައި ހެއްޔެވެ؟ ހަމަ އަޅުގަނޑުމެންގެ އުފަލަށެވެ. މިތަކެތީގެ އިތުރުން އަޅުގަނޑުމެންގެ ގުނަވަންތަކަށް ބަލައިލާށެވެ. އަތާއި ފަޔާއި ދެލޮލާއި ކަންފަތާއި ހުރިހާ ޙިއްސުތަކެއް އަދި ރީތި ސޫރައެއް ލިބިފައިވެއެވެ. ކޮންމެ މީހަކީ ވެސް ރީތި މީހެކެވެ. މިހެންވެ، އަޅުގަނޑުމެން އެކަލާނގެއަށް ތަސްބީޙަ ކިޔައި ނަމާދުކޮށް އަޅުކަން ކުރަން ޖެހެއެވެ. އެހެނީ މާތް ﷲ ވަހީކުރައްވާފައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ﴿۵۶﴾ سورة الذاريات
ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ.
މި އާޔަތުން ދަލީލު ކޮށްދެނީ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވަނީ އަޅުކަންކޮށް ދުނިޔޭގެ ހަޔާތުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކުރުމަށް ކަމެވެ. އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެގޮތުގައި ދެމިހުރުމުން މާތް ﷲ އަޅަމެންނަށް ސުވަރުގެ އެބަ ދެއްވަވައެވެ. އެއީ ޖިންނީންނާއި އިންސާނުންނަށް ދެއްވާ ނިޢުމަތެކެވެ.
ވިސްނާލާށެވެ! އަބަދު އިންސާނުން އުފަލުގައި އުޅޭނީ ވެސް ކިހިނެތް ހެއްޔެވެ؟ އެކަމެއް އެހެނެއް ނުވެސް ވާނެއެވެ. އަޅުގަނޑުމެން ބަލިވެސް ވާނެއެވެ. އަތްމަތި ވެސް ދަތިވާނެއެވެ. އެކަނިވެރިވާ ޚާލަތްތައް ވެސް އަންނާނެއެވެ. ކަންކަމާ ދެރަވެ ރޯން ވެސް ޖެހޭނެއެވެ. މިއިން ކޮންމެ ކަމެއް ދިމާވުމުގައި ވެސް ލައްވާފައިވަނީ ހާދަހާ ގިނަ ހެޔޮ ކަންކަމެވެ. އަޅުގަނޑުމެންނަށް ނޭނގެނީ އެކަމުގައި ފޮރުވިފައި އޮންނަ ހެޔޮކަމެވެ. އެހެންވީމައި އަޅުގަނޑުމެންނަށް ދިމާވާ މުޞީބާތްތަކަށް ކެތެއް ނުވާނޭ ބުނެ، ދަންޖެހުމާއި އުސްތަނަކުން ފުންމާލުމާއި، ޒަހަރެއް ބުއިމާއި، ނޫނީ މިނޫން ވެސް އެހެން ގޮތަކަށް މަރުވުމުން އެ ނިޢުމަތްތައް އަޅުގަނޑުމެންނަށް ލިބޭނީ ކިހިނެތް ހެއްޔެވެ؟ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެން މިތިބީ އިމްތިޙާނުގެ ގޮވެތީކަމަށް ވުމުން އެކި ކަހަލަ ކަންކަން ކުރިމަތިނުވެ ނުދާނެކަން ޤަބޫލު ކުރަން ޖެހޭނެއެވެ. އަޅުގަނޑުމެންނަށް އެއްވެސް ދެރަކަމެއް ނުވެ، މުޞީބާތެއް ނުޖެހި، ބަލިނުވެ، އިމްތިޙާނު ނުކުރައްވައި ހުރިހާ ނިޢުމަތެއްގައި އުޅޭނަމަ މި ދުނިޔެއަކީ ސުވަރުގެއެއް ނޫންހެއްޔެވެ؟ މިއީ ސުވަރުގެ ހެއްޔެވެ؟ ނޫނެކެވެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސުވަރުގެ ދާށެވެ. އެ ލިސްޓަށް ނަން އަރާތޯއެވެ. އެކަމަކު އަމިއްލައަށް މަރުވެގެން އަދި މިކަން ވާކަށް ނެތެއް ނޫންހެވެ.! މިއީ ދުނިޔެއެވެ. ހުރިހާ ކަމެއް ޓެސްޓް ކުރެވެނީ މިތަނުގައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމާއި، ސާބިތުކަމާއި، ތަޤްވާވެރިކަން އަދި ކިޔަމަންތެރިކަން ވެސް އިމްތިޙާނު ކުރެވޭނެއް ނޫންތޯއެވެ. އަޅުގަނޑުމެންނަށް ކެތްތެރި ނުވެވޭނެ އެއްވެސް މުޞީބާތެއް މާތް ﷲ އަޅުގަނޑުމެންނަކަށް ނުޖައްސަވާނެއެވެ.
މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ.
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ………سورة البقرة ﴿۲۸۶﴾
ﷲ އެއްވެސް نفس އަކަށް އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމެއް މެނުވީ تكليف އެއް ނުޖައްސަވައެވެ.
ވީއިރު އަޅުގަނޑުމެން ކެތެއް ނުވާނޭ، މިދުނިޔެއަށްވުރެ މަރުވުމުން މާ ރަނގަޅުވާނޭ ބުނެ ނަފްސަށް ގެއްލުން ދިނުމުން އަޅުގަނޑުމެންނަށް އެ ކުރެވުނީ ވަރަށް ގޯސް ވަރަށް ބޮޑު ފާފައެކެވެ. އަޅުގަނޑުމެންގެ ނަފްޞުތަކަކީ ހުރުމަތްތެރި ވެގެންވާ އެއްޗެކެވެ. ހަށިގަނޑަށް ކުޑަ ގެއްލުމެއް ގަސްތުގައި ދިން ނަމަވެސް އެކަމާމެދު ސުވާލު ވެވޭނެއެވެ. ކުރިން އެފަދަ ކަމެއް ކުރެވިފައި އޮތްނަމަ ތަޢުބާ ވުމުން އެކަން ފުއްސަވައި ދެއްވަވާނެއެވެ. ކަންބޮޑު ނުވާށެވެ. ކޮންމެ ކަމަކަށް ވެސް ހައްލެއް އޮންނާނެއެވެ. އެކަމަކު މަރުވުމަކީ ހައްލެއް ނޫނެވެ.
ނުނިމޭ
![]()









